ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އައި އުމުރުން 22 އަހަރުގެ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ، އިޓަލީގެ ޔުވެންޓަސް އަށް ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ބަދަލުވެއްޖެ އެވެ.

ޔުވެންޓާސްއަށް އަލްވާރޯ ބަދަލުވެ، ސޮއި ކުރުމުން އެކުލަބުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އަލްވާރޯއަށް އެ ކްލަބުން އަހަަރެއްގެ މައްޗަށް 20 މިލިއަން ޔޫރޯ ދިނުމަށް ނިންމާފައި ވާ ކަމަށާއި އަލްވާރޯ އަކީ މިވަގުތަށް ކްލަބަށް ބޭނުންވާ މުހިންމު ޒުވާން ފޯވާޑެއް ކަމަށެވެ. އަދި ކުލަބުން ހުށައެޅި، ހުށައެޅުންތަށް އަލްވާރޯ ގަބޫލް ކޮށްފައި ވުމުން އޭނާއަށް ކްލަބުގެ ރައީސް މޮރާޓީ ޝުކުރު އަދާ ކޮށްފައި ވާ ކަމަށް އެބަޔާނުގައި ވެއެވެ.

ސްޕެއިންގެ 21 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފައިވާ އަލްވާރޯ ބުނީ، ޔުވެންޓަސްއަކީ މޮޅު ޓީމެއް ކަމަށާއި އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ ވަރުގެ މޮޅެތި ކުޅުންތެރިން ކަމަށެވެ. އަދި އެ ކުޅުންތެރިންނާ އެކު ޔުވެންޓަސްއަށް ކާމިޔާބު ހޯދައިދިނުމުގައި ގިނަ މަސައްކަތް ތަކެއް ކުރާނެ ކަމަށް ވެސް އަލްވާރޯ ބުނެފައި ވެއެވެ.

"ޔުވެންޓަސް އަކީ އިޓަލީ އަދި ދުނިޔޭގެ ވެސް މޮޅެތި ކްލަބްތަކުގެ ތެރޭގައި ހިމެނޭ، މޮޅެތި ކުޅުންތެރިން ތިބި ޓީމެއް. ޔުވެންޓަސްއާ އެކު ކާމިޔާބު ހޯދަން އަހަރެން ތައްޔާރު" އަލްވާރޯ ބުންޏެވެ.