20 Jul 2014, 12:55
މޯލްޑިވްސް ރޯޑު ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެމްއާރްޑީސީ) ގެ ޗެއާމަން ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒް (ވޮލީ ރިޔާޒު) އަދި މޯލްޑިވްސް ޕޯސްޓު ލިމިޓެޑުގެ ޗެއާމަން ކަމަށް ޚާލިދު އަބްދުﷲ ހަމަޖައްސަވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ވޮލީ ރިޔާޒް އެމްއާރުޑީސީގެ ޗެއާމަން ކަމަށް ހަމަޖައްސަވާފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި މީގެކުރިން އެތަނުގެ ޗެއާމަންކަމުގައި ހުންނެވި ޚާލިދު އަބްދުﷲ ޕޯސްޓު ލިމިޓެޑަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚާލިދު އެމަގާމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕޯސްޓު ލިމިޓެޑުގެ ޗެއާމަންކަމަށް ޚާލިދު ހަމަޖައްސަވާފައި ވަނީ އެމަގާމުގައި ހުންނެވި އަހްމަދު ނިޒާމު (ކެލާ ނިޒާމު) މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން ވޮލީ ރިޔާޒަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދާއިރާއަށް ކުރިމަތިލެއްވި ބޭފުޅެކެވެ.