20 Jul 2014, 13:04
އިންޑިއާގެ ބައެއް ބޮޑެތި ސިޓީތަކުގެ މުސްލިމުން އިސްރާއީލްގެ އުފެއްދުންތައް ބޮއިކޮޓްކޮށް، އަދި އެހެން މީހުން ބޮއިކޮޓްކުރުމަށް ގޮވައިލަމުން އެބަދެއެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އުދުވާނުތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިންޑިއާގެ ވިޔަފާރީގެ މަރުކަޒީރަށް މުމްބާއީގެ މުސްލިމުން ވަނީ އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ފަށާފައެވެ. އެކަމަށް ގޮވައިލުމަށާއި ފަލަސްތީނަށް ތާއީދު ކުރުމުގެ ގޮތުން މުމްބާއީގައި މިދިޔަ ހުކުރު ދުވަސް ވަނީ " ޕެލަސްޓައިންޑޭ" ގެ ގޮތުގައި ފާހަގަކޮށްފައެވެ.
އިންޑިއާގެ އަންދުރަޕްރަދޭޝްއާއި އެގައުމުގައި އެންމެ ފަހުން އުފެއްދި ތެލަންގާނާ ސްޓޭޓްގެ ވެސް ވެރިރަށް ހައިދަރު އާބާދުގެ މުސްލިމުން އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލައި ލީފްލެޓް ބެހި ކަމަށް ހައިދަރުއާބާދުގެ ސިޔާސަތު ޑެއިލީ ނޫހުން ބުންޏެވެ.
ހުކުރު ހުތުބާގައި އިސްރާއިލްގެ އުދުވާންތައް ކުށްވެރިކުރުމާއި ފަލަސްތީނު މީހުންނަށް ނަސްރު ދެއްވުން އެދި ދުއާ ކުރުން ވެސް ހައިދަރު އާބާދުގައި އޮތެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 340 މީހުން ވަނީ މަރުވެފައެވެ. އަދި އެހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު ވަނީ 2000 އަށް ވުރެ މަތިވެފައެވެ. އަދި ޣައްޒާ ކޮންޓްރޯލްކުރާ ހަމާސްޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގައި އިސްރާއީލްގެ 14 މީހުން މަރުވެފައި ވާނެ ކަމަށް ހަމާސް އިން ބުނެއެވެ.