20 Jul 2014, 12:59
ޒިއުރިކް (އޭޕީ) - ނައިޖީރިއަން ފުޓްބޯލް ފެޑެރޭޝަން (އެންއެފްއެފް)އަށް އެގައުމުގެ ސަރުކާރުން ނުފޫޒު ފޯރުވުމާ ގުޅިގެން ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތްތަކުން އެގައުމު ސަސްޕެންޑުކޮށްފައި އޮތް އޮތުން، ފީފާއިން ނިމުމަކަށް ގެނެސްފިއެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުން ނައިޖީރިއާ ކެޓުމާ ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ ފުޓްބޯޅަ ފެޑެރޭޝަނަށް އާ ލީޑަރުން އައްޔަން ކުރުމަށް ސްޕޯޓްސް މިނިސްޓްރީގެ މައްޗަށް ގާނޫނީ އަމުރެއް ނެރެފައެވެ. ފީފާ ގަވާއިދުގެ 209 ވަނަ މާއަދާގައި ވާ ގޮތުން، އެ ޖަމިއްޔާގެ މެބަރު ފެޑެރޭޝަނެއްގެ މައްޗަށް، ސިޔާސީ ފަރާތްތައް ވެސް ހިމެނޭ ގޮތަށް، ތިންވަނަ ފަރާތެއްގެ ނުފޫޒެއް ފޯރުވައިގެން ނުވާނެވެ އެވެ.
ފީފާއިން ހުކުރު ދުވަހު ބުނެފައި ވަނީ، ސަސްޕެންޝަން އުވާލި ކަމުގައި ވީ ނަމަވެސް، ކޯޓު މަރުހަލާތަކާއި އެފަދަ އެހެނިހެން ބައެއް ކަންތައްތަކާ ހުރެ ނައިޖީރިއާ ފުޓްބޯޅަ ފެޑެރޭޝަންގެ މަސައްކަތް އަދި ހަމަޔަކަށް ނޭޅޭ ކަމަށެވެ.
"ގަވާއިދުގައިވާ ގޮތުގެ މަތިން އައްޔަންކޮށްފައި ތިބި ފަރާތްތަކާ އެ މަގާމުތައް ހަވާލުކޮށްފައި ވާތީ، ސަސްޕެންޝަން އުވާލުމަށް ފީފާއިން ނިންމައިފީމެވެ.،" ފީފާގެ ބަޔާނުގައި ވެއެވެ.
ފީފާގެ ގަވާއިދުގެ 12 ވަނަ މާއްދާގައި ވާ ގޮތުން ސަސްޕެންޝަން އުވާލުމުން މިހާރު އެންއެފްއެފްއަށް ފީފާގެ މެންބަރު އެހެނިހެން އެސޯސިއޭޝަން ތަކަށް ވެސް ލިބިގެންވާ ހުރިހާ ހައްގެއް ލިބިދޭނެ އެވެ.