20 Jul 2014, 12:44
ކެރަމް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވި ހަތަރުވަނަ ރަމަޟާން ކެރަމް ކަޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޝާފީ މުހައްމަދު އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު ނިފާޝާ ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ހުންނަ ކެރަމް ހޯލްގައި ރޭ ކުޅެވުނު ފައިނަލްގައި ޝާފީ ޗެމްޕިއަންކަން ހޯދީ މުހައްމަދު މުންތަސިރު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މިއީ ޝާފީ މިމުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ. ފިރިހެން ސިންގަލްސް ތިންވަނަ މަގާމު ހޯދީ ހުސައިން އަލީ އެވެ.
ރޭ ކުޅެވުނު އަންހެން ސިންގަލްސް ފައިނަލްގައި އައިމިނަތު ނިފާޝާ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން ފައިނާޒްގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކާމިޔާބު ހޯދައިގެންނެވެ. އަންހެން ސިންގަލްސް އިވެންޓުގެ ތިންވަނަ މަގާމު ހޯދީ ފާތިމަތު ރަޔާންއެވެ.
މީގެ އިތުރުން މިމުބާރާތުގައި ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އާދަމް އަދީލް އާއި ހަސަން ނިޔާޒްގެ ޕެއަރއެވެ. އެއީ ރޭ ކުޅެވުނު ފައިނަލްގައި އަހުމަދު ޖަލާލް އަލީ އާއި ސާލިމް އަދުނާނުގެ މައްޗައް ދެ ސެޓު އެއް ސެޓުން ކާމިޔާބު ހޯދައިގެންނެވެ.
އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ވިޝާމާ އާއި ރިފްގާ މުހައްމަދުގެ ޕެއާއެވެ. އެއީ ފައިނަލްގައި އައިޝަތު ފައިނާޒު އާއި އިފާޝާ ޝަރީފްގެ މައްޗައް ސީދާ ދެ ސެޓުން ކާމިޔާބު ހޯދައިގެންނެވެ.
މިފަހަރުގެ މުބާރާތުގައި ޖުމްލަ 173 ފަރާތަކުން ބައިވެރިވިއެވެ.