ސޫރިއާގައި މިހާރު ހިނގަމުންދާ އަހުލީ ހަނގުރާމާގައި އެގައުމުގެ ސިޓީއެއް ކަމަށްވާ އަލެޕޯއަށް ދިން ބޮމުގެ ހަމަލާއެއްގައި ގޮއްވާލައި ސުންނާފަތިކޮށްލާފައި އޮތް އިމާރާތެއްގެ ތެރޭގައި ތަށިވެފައި އޮތް ދެ މަސްވެސް ނުވާ ތުއްތު ކުއްޖަކު 16 ގަޑިއިރު ފަހުން ދިރިހުއްޓާ ސަލާމަތް ކޮށްފި އެވެ.

އަރަބި މީޑިއާތަކުން ބުނީ ބޮން ގޮއްވާލައި ސުންނާފަތިކޮށްލާފައިވާ އިމާރާތުގެ ތެރެއިން އެތައް ގަޑިއިރެއްގެ ބުރަ މަސައްކަތަކަށް ފަހު އެކުއްޖާ ސަލާމަތް ކުރީ ސޫރިޔާގެ ސިވިލް ޑިފެންސްގެ ރެސްކިއު ޓީމުން ކަމަށެވެ.

ބިމާހަމަވެފައިވާ އެ އިމާރާތުގެ ގަލާއި ހިރަފުސްގަނޑުގެ ތެރޭގައި ރޮއިލަ ރޮއިލާ އޮތް އެކުއްޖާގެ ބޯ އޮތީ ދެ ގާ ދޭތެރޭގައި ތާށިވެފައެވެ. ނަމަވެސް އެކުއްޖާގެ ފުރާނައަށް ގެއްލުމެއް ވެފައެއް ނުވެއެވެ. އެވަގުތު އެތަނުގައި ތިބި މީހުން އާޝޯހުވެ ﷲ އަކްބަރު ގޮވާ އަޑުއިވެއެވެ.

"މިއީ ކަރާމާތެއް!" އެ ތުއްތު ކުއްޖާ އުރާލައިގެން ހުރި ރެސްކިއު ޓީމުގެ މީހަކު ބުނާއަޑުއިވެއެވެ.

އެ ތުއްތު ކުއްޖާ ސަލާމަތްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އަރަބި ޓީވީޗެނަލްތަކުން ވަނީ މިދިޔަ ހަފްތާގައި ދައްކާލާފަ އެވެ.

އަރަބި ނޫސްތަކުން ބުނީ އެއީ ސޫރިޔާގެ ސިވިލް ޑިފެންސްގެ ރެސްކިއު ޓީމުން މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ ވީޑިއޯޯ އެއް ކަމަށެވެ. ނަމަވެސް އެ ކުއްޖާ ސަލާމަތްކުރީ ކޮން ދުވަހަކު ކަމެއް އަރަބި ނޫސްތަކުގައި ބުނެފައެއް ނުވެއެވެ.