20 Jul 2014, 12:18
ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމުގެ ގޮތުން، މޯލްޑިވުސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގަމުންދާ www.visitmaldives.com ވެބްސައިޓް ހެކްކޮށްފި އެވެ.
ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓް ހެކް ކުރުމަށްފަހު، ވެބްސައިޓަށް އަރުވާފައިވަނީ "ސޭވް ގާޒާ" ލިޔެފައިވާ ފޮޓޯއެކެވެ.
ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ އެ ވެބްސައިޓް ހެކްކުރުމަށް ފަހު، އެކަން ކުރިކަމުގެ ޒިންމާ "އެނަންގޯސްޓް" ކިޔާ ހެކަރުންގެ ގްރޫޕަކުން ވަނީ ނަގައިފައެވެ. އެ ސައިޓްގައި ލިޔެފައިވާގޮތުން އެ ވެބްސައިޓް ހެކް ކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބުދުއްﷲ ޒިޔަތު ވިދާޅުވީ ލަފާ ކުރެވޭގޮތުގައި އެ ވެބްސައިޓް ހެކް ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުރިއަށްއޮތް ތިން ވަރަކަށް ގަޑިއިރު ތެރޭގައި އެކަން ހައްލުވެގެން ދާނެ" ޒިޔަތު ވިދާޅުވިއެވެ.
މިހާރަކަށް އައިސް ދަނީ ދޭތެރެ ދޭތެރެއިން ރާއްޖޭގެ މުހިންމު ވެބްސައިޓްތައް ހެކްކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ މޭމަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ 100 އަށްވުރެ ގިނަ ވެބްސައިޓް ހެކްކޮށްފައި ވެއެވެ.