ވާދަވެރިކަމުގެ ސިޔާސަތެއް ނެތުމުން އެންމެ ބޮޑު އިދިކޮޅު ފާޓީ، ޑީއާރްޕީއަކީ މިހާރު ނެތް ޕާޓީއެއް ކަމަށާއި އެއީ "ހިޔަންޏެއް" ކަމަށް ސިފަ ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޑީއާރްޕީ އަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "ދޮރުން ދޮރަށް" ކެންޕެއިން ފައްޓަވައި ދެއްވުމުގެ ގޮތުން މިއަދު ހަވީރު ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޑީއާރްޕީގެ ސިޔާސަތު ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އެ ޕާޓީގެ އަމާޒެއް، ފަލްސަފާއެއް ނެތުމުން ތަންފީޒު ކުރަން ބޭނުންވާ ކަންކަން ވެސް ރައްޔިތުންނަށް އޮޅުން ނުފިލާ ކަމަށެވެ.
ޑީއާރްޕީގެ އެތެރޭގެ ކޯޅުންތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިހާރު އެ ޕާޓީގެ ލީޑަރަކީ ކޮން ބޭފުޅެއްކަން ވެސް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ރޭވުންތަކުގައި ޑީއާރްޕީ ޖެހި، ސިޔާސީ ކަންކަމުގައި ބެދި، ވަޅުތަކުގެ ތެރެއަށް ވެއްޓެމުންދަނީ ކަނު ބަނދެވިގެން އޮވެ ކަމަށެވެ.
"އަޅުގަނޑުމެން ދަމާ ކޮންމެ ރޯނެއްގައި ހަމައެކީގައި ޑީއާރުޕީ ނުޖެހޭ ފަހަރެއް ނުދޭ. މިހާރަކު އެކަންޏެއް ނޫން. އަޅުގަނޑުމެން ވާދަވެރި ޕާޓީއެއްގެ ގޮތުގައި ތިބި އިރު ވެސް ހަމަ އެ ބޭފުޅުންގެ ކޮންމެ މަޅިއެއް ވެސް ވެދަނީ ހަންހާރަ (ލޯބި) އަކަށް. އަޅުގަނޑުމެން ފިކުރުކުރާ ކޮންމެ ވަޅެއްގެ ތެރެއަށް އެބޭފުޅުން ވެއްޓެމުން އެދަނީ ކަނު ބަނދެވިގެން ތިބެ. ކުރިއަށް އޮތް ތާނގާއި ވެސް ނުފެނޭ އެނޫން މަގަކުން އެ ބޭފުޅުން ފެނިދާނެ ކަމަކަށް."
ރައީސް ވިދާޅުވީ ޑީއާރްޕީގައި ވާދަވެރިކަމެއް ނެތުމުން ބޮޑު އިދިކޮޅި ޕާޓީއަކީ މިހާރު ނެތް ޕާޓީއެއް ކަމަށެވެ. އެ ޕާޓީގައި ވާދަވެރިކަމެއް ނެތުމުން ސަރުކާރުގެ މައްސޫލިއްޔަތު އިތުރުވާ ކަމަށާއި ޑިމޮކްރަސީގެ އުސޫލަކީ އަބަދުވެސް ވާދަވަވެރި ޕާޓީއެއް އޮތް ކަން ދަނެގެން ސަރުކާރު ހިންގުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޑީއާރުޕީ ރަގަނޅަށް އުފެދިގެން ނާންނަކަމުން ދެން އަޅުގަނޑުމެންނަށް އެ މަސްއޫލިއްޔަތު އަދާކުރަން މިޖެހެނީ. އަޅުގަނޑުމެންނަކީ ހަމައެކަނި ޕާޓީއަކަށްވީ ކަމުގައިވިޔަސް ވެސް، އަޅުގަނޑުމެން އުޅެންޖެހޭނީ އެހެން ބޮޑު ޕާޓީއެއް އޮތް ކަމަށް ދެކިގެން، ޑިމޮކުރަސީއަކީ އަޅުގަނޑުމެންގެ ނިޔަތް ކުރިއެރުވުން ކަމަށްވާތީ. އަޅުގަނޑުމެންނަށް ވެސް އެބަ އިނގޭ ބޮޑު ޕާޓީއަކީ ހިޔަންޏެއް ކަން، އެ (ޕާޓީ) އަސްލު ނެތް ކަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ޑީއާރުޕީގެ ހާލަތު އެފަދަ ގޮތަކަށް އޮތް ނަމަވެސް ކުރިއަށް އޮތް ހަތަރު ފަސް އަހަރެއްގެ ތެރޭގައި ޑީއާރުޕީ ރަގަނޅަށް ހަށިފޮޅާލައި ހަމަ އިސްކޮޅަށް ދެމިލާނެ ކަމަށެވެ.