އިސްރާއީލުން ހިސާރުކޮށް އުދުވާންތައް ހިންގަމުން އަންނަ ޣައްޒާގެ ރައްޔިތުންނަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ބަޔަކު މިސްރުން ހުއްޓުވައިފި އެވެ.

އޭއެފްޕީގެ ރިޕޯޓަރަކާ ހަވާލާދީ މިސްރުގެ މަސްރީ އަލް ޔައުމް ނޫހުން ބުނީ އެހީގެ ތަކެތި ހިފައިގެން 11 ބަހުގައި ދަތުރުކުރި 500 އެކްޓިވިސްޓުން ބޯޑަރު ހުރަސްކުރުމަށް މިސްރު ސިފައިން ހުރަސް އަޅާފައި ވާ ކަމަށެވެ. އަދި ބުނީ އެމީހުންނަށް ދަތުރު ކުރެވޭ ވަރަށް ވުރެ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ގޯސް ކަމަށް މިސްރު ސިފައިންގެ އޮފިސަރަކު ބުނި ކަމަށެވެ.

އެހީގެ ތަކެތި ހިފައިގެން ދިޔަ އެކްޓިވިސްޓުން ހުއްޓުވުމުން އެމީހުންނާ މިސްރު ސިފައިންނާ ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތަކެއް ހިނގިއެވެ. ނަމަވެސް މިސްރު ސިފައިން އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

މިސްރުގެ ސީނާ ސަހަރާގައި އުޅޭ ހަނގުރާމަވެރިން ހުއްޓުވުމުގެ ނަމުގައި ރަފަހް ބޯޑަރު އެގައުމުން ބަންދުކޮށްފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އިސްރާއީލުން މިފަހަރު ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޒަހަމްވާ މީހުން މިސްރަށް އައުމުގެ ހުއްދަ އެގައުމުން ދިނެވެ.

ޣައްޒާއަށް އެހީގެ ގޮތުގައި 500 ޓަނުގެ ކާބޯތަކެތި ފޮނުވާފައިވާ ކަމަށް މިސްރު ސިފައިން ކުރިން ވަނީ ބުނެފައެވެ.