ރޭ ދަންވަރު 3:00 އިން ފެށިގެން ޣާޒީ ބިލްޑިންގުގައި ހުންނަ އިމިގްރޭޝަންގެ އިދާރާގައި ކިޔު ހަދާފައި އޮއްވައި ބަޔަކު މީހުން "ކިއު ފަޅާލުމާ" ގުޅިގެން އެތަނުގައި ހަމަނުޖެހުން ހިނގައިފި އެވެ.

އެ ހަމަނުޖެހުމުގައި އިމިގްރޭޝަންގެ އިދާރާ ތެރޭގައި އަޑުގަދަކޮށް މަސްލަހަތު ނަގާލަން މަސައްކަތް ކުރި މީހަކު ފުލުހުންގެ އަމުރަށް ނުކިޔަމަތެރި ވުމުގެ ސަބަބުން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

އިމިގްރޭޝަންގައި ހުރި މީހަކު 'ސަން'އަށް ބުނީ އިމިގްރޭޝަނުން ވަކި އަދަދަކަށް ނަންބަރު ދޫކުރާތީ ނަންބަރު ހޯދުމަށްޓަކައި ދަންވަރު ނުވަތަ ފަތިހު ކިޔު ހެދުމަކީ އާންމު ކަމެއް ކަމަށެވެ.

"ރޭ ދަންވަރު 3:00 ހާއިރު ވެސް މިތާ [އިމިގްރޭޝަންގައި] ކިޔު ހަދާފައި އޮތް. އެގޮތަށް ކިއު ހަދާފައި އޮއްވައި އިތުރު ބަޔަކު އައިސް މިތާ ގޮތް ނޭންގޭ އިތުރު ކިޔު އެއް ހެދީ. ހަދައިގެން މިއަދު ހެނދުނު 8:00 ހާއިރު ހަމަނުޖެހުން ފެށުނީ،" އިމިގްރޭޝަންގައި ހުރި މީހަކު ބުންޏެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ނަންބަރު ދޫކުރަން ފަށަނީ ހެނދުނު 10:15 ގައި ކަމަށާއި ނަންބަރު ދޫކުރަނީ ކިޔު ތަރުތީބުން ކަމަށެވެ. އަދި ކުރިޔަށް ކިއު ހެދުމަކީ އާންމުކަމެއް ކަމަށާއި ރޯދަ މަހު އެފަދަ ހަމަނުޖެހުން ހިންގައި ތަނުގެ މަސްލަހަތު ނަގާލުމަކީ އާންމުކަމެއް ކަމަށް އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

ހަމަނުޖެހުން ހިނގުމާ ގުޅިގެން މިއަދު ހެނދުނު އެތަނުގައި ނަންބަރު ދޫކޮށް ހިދުމަތްދޭން ފަށާފައި ވަނީ 10:30 ހާއިރު އެވެ. ނަންބަރު ދޫކޮށްފައި ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަން ކައިރިއަށް އެއްވެ ތިބިމީހުން ހިދުމަތްދޭ ހޯލަށް ވެއްދުމަށްފަހު ކިޔު ތަރުތީބުންނެވެ.