20 Jul 2014, 10:27
ޣައްޒާ (ޖުލައި 20): އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް މަސައްކަތް ކުރަމުން ގެންދާ އިސްރާއީލު ސިފައިންގެ 14 މީހުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި މަރާލާފައި ވާ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.
ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އައްގައްސާމް ބްރިގޭޑުން ރޭ ނެރުނު އަސްކަރީ ބަޔާނެއްގައި ބުނެފައިވަނީ އެއްގަމު މަގުން ޣައްޒާއަށް އެރުމަށް އިސްރާއީލު ސިފައިން ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބު ވިޔަ ނުދޭނެ ކަމަށާއި އިސްރާއީލަށް ޣައްޒާ ނުހިފޭނެ ކަމުގައެވެ. އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް ހަނގުރާމަކުރާ އިސްރާއީލު ސިފައިންގެ ލަޝްކަރުތަކާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެމެދު ޣައްޒާގެ އުތުރާއި މެދުތެރޭގައި އިއްޔެ ވަރުގަދަ ހަމަލާތަކެއް ބަދަކޮށްފައި ވާއިރު އެ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 14 މީހުން މަރާލާފައިވާނެ ކަމަށް ހަމާސްއިން ބުނެ އެވެ.
އެ 14 މީހުންގެ ތެރެއިން ހަ މީހުން މަރާލީ ޣައްޒާގެ އިރުމަތީގައި ހަރަކާތްތެރިވަމުން ދިޔަ އިސްރާއީލު ސިފައިންގެ އަސްކަރީ ހަތަރު ވެހިކަލް ދަންތުރައެއްގައި ޖެއްސުމަށްފަހު އޭގެތެރެއިން ތިން ވެހިކަލް ގޮއްވާލައިގެން ކަމަށާއި މަރާލާފައިވާ އިސްރާއީލު ސިފައިންގެ ފޮޓޯތައް ހާމަކުރާނެ ކަމަށްވެސް ހަމާސްގެ ބަޔާން ބުނެ އެވެ. އިސްރާއީލު ސިފައިންގެ އަނެއް އަށް މީހުން މަރާލާފައި ވަނީ އިއްޔެއާއި އޭގެކުރީ ދުވަހު އިސްރާއީލު ސިފައިންގެ އެކި ޔުނިޓްތަކަށް އެކި ފަހަރުމަތިން ދިން ހަތަރު ހަމަލާއެއްގައި ކަމަށްވެސް ހަމާސްގެ ބަޔާން ބުނެ އެވެ.
ހަމާސްގެ ބަޔާނުގައި އިސްރާއީލުން ފަލަސްތީނުގެ ހައްގުތަކަށް އިއުތިރާފްވެ ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާން ހުއްޓާލައި ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހަސާރުގެ ފިޔަވަޅުތަކަށް ނިމުމެއް ނުގެންނަނީސް އިސްރާއީލާ ދެކޮޅަށްދޭ ރޮކެޓް ހަމަލާތައް ހުއްޓައިނުލާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން އިސްރާއީލުގެ އުދުވާނުގެ މައްޗަށް ނަސްރު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އިސްރާއީލުގެ ސިފައިން މަރުވަމުން ދާނަމަ ޣައްޒާގެ ބިމުގައި އިސްރާއީލަށް ކެތްކޮށްލަން ނުކެރި އުދުވާން ހުއްޓައިލަން މަޖުބޫރުވާނެ ކަމަށްވެސް ހަމާސްގެ ބަޔާން ބުނެ އެވެ.
އިސްރާއީލުން ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ބަދަލުކުރި ހަމަލާތަކުގައި މަރުވީ އެގައުމުގެ ސިފައިންގެ އެންމެ ތިންމީހުން ކަމަށާއި ހަމާސްގެ ރޮކެޓް ހަމަލާތައް ހުއްޓުވައި އިސްރާއީލަށް އަމާންކަން ހޯދައި ދިނުމަށްފަހުގައި ނޫނީ ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓައިނުލާނެ ކަމުގައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނަށް 12 ދުވަސް ވެފައި ވާއިރު އިސްރާއީލުން ވަނީ ފަލަސްތީނުގެ 340 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައި ދެހާސް ތިންސަތޭކަ މީހުން ޒަހަމް ކޮށްލާފައެވެ. މިގޮތުން އިއްޔެ އެކަނިވެސް އެއްގަމާއި ވައިގެ މަގުން އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި ފަލަސްތީނުގެ 40 އަށްވުރެ ގިނަމީހުން ޝަހީދުކޮށް ސަތޭކައަށްވުރެ ގިނަމީހުން ޒަހަމް ކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ދާއިރާތަކުން ބުނެ އެވެ. (އަލްޖަޒީރާ)