20 Jul 2014, 10:04
ކިޔެވް (ޖުލައި 20): ޔުކްރޭންގެ މަތިން އުދުހެނިކޮށް ވައްޓާލި މެލޭޝިޔާގެ ފަސިންޖަރު މަތިންދާބޯޓުގެ ބައިތައް ބަލައި ތަހުގީގު ކުރާ ޓީމުގެ މެންބަރުންނަށް ހުރަސްއެޅުމަށް ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން މަސައްކަތް ކުރަމުން ގެންދާކަމަށް ޔޫރަޕިޔަން އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ޖަމާއަތުގެ ތަރްޖަމާނަކު ވިދާޅުވީ، މިމަހުގެ 17 ވަނަ ދުވަހު ޔުކްރޭންގެ މަތިން ވައްޓާލި މެލޭޝިޔާގެ މަތިންދާބޯޓުގެ ބައިތަކުގެ ކައިރިއަށް އެހާދިސާ ތަހުގީގުކުރާ ޓީމުގެ މެންބަރުން ދާން ފެށުމުން އެކަމަށް ހުރަސްއެޅުމުގެ ގޮތުން ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން ވަޔަށް ބަޑިޖަހައި އެ ޓީމުގެ މެންބަރުންނަށް ބިރު ދައްކާފައި ވާ ކަމުގައެވެ.
ޔުކްރޭންގެ ރައީސް ބިތްރޯ ބޯޝިންކޯ ވެސް ވަނީ މެލޭޝިޔާގެ މަތިންދާބޯޓު ވައްޓާލުމުގެ ޙާދިސާގެ ތަހުގީގަށް ޔުކްރޭންގެ އިިދިކޮޅު ހަނގުރާމަވެރިން ހުރަސްއަޅަމުން ގެންދާ ކަމަށް ތުހުމަތުކުރައްވައި މިކަމާބެހޭގޮތުން ޝަކުވާ ކުރައްވާފައެވެ.
ނެދަލޭންޑްސްގެ އެމްސްޓާޑަމް އެއާޕޯޓުން ފުރައިގެން މެލޭޝިޔާގެ ކުއާލަލަންޕޫރަށް ދަތުރުކުރި މެލޭޝިޔަން އެއާލައިންސްގެ އެމްއެޗް17 ނަންބަރު ފްލައިޓް ޔުކްރޭންގެ މައްޗަށް ވެއްޓުނީ ރޮކެޓް ހަމަލާއެއް އެބޯޓަށް އަރައިގެން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ވިދާޅުވެފައެވެ.
ޔުކްރޭންގެ ސަރުކާރުން ބުނީ މެލޭޝިޔާގެ ބޯޓަށް ހަމަލާދިނީ ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސަރަހައްދަކުން ކަމަށާއި އެބޯޓަށް ހަމަލާދިނުމުގައި ރަޝިޔާގެ ޖަމާއަތަކުން ބައިވެރިވާ ކަމުގެ ހެކި އެބަހުރި ކަމުގައެވެ.
ނަމަވެސް ވަކިވެގަތުމަށް މަސައްކަތްކުރާ ޔުކްރޭންގެ ހަނގުރާމަވެރިން މިކަން ދޮގުކުރެ އެވެ. ހަނގުރާމަވެރިން ބުނަނީ މެލޭޝިޔާގެ މަތިންދާ ބޯޓަށް ރޮކެޓް ހަމަލާދިނީ ޔުކްރޭން ސިފައިން ކަމުގައެވެ. މެލޭޝިޔާގެ މަތިންދާބޯޓު ޔުކްރޭންގެ މައްޗަށް ވައްޓާލި މައްސަލަ ބަލައި ތަހުގީގު ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. (ރޮއިޓާސް)