ފަލަސްތީނުގެ ހަމާސްޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއެއްގައި އިސްރާއީލް ސިފައިންގެ ދެމީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ.

އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ހަމާސް އިން އެހަމަލާ ދިނީ ބިންގަރާސް މަގުތައް ހަލާކުކުރުމަށް އިސްރާއީލް ސިފައިން ހަމަލާތައް ދެމުން ދަނިކޮށް ކަމަށެވެ. އަދި އެހަމާލަގައި ހަމާސްގެ އެކަކު މަރުވި ކަމަށް ވެސް ބުންޏެވެ. ހަމާސް އިން ބުނީ އިސްރާއީލަށް ދިން ހަމަލާގައި އެޖަމާއަތުގެ 12 މީހުން ބައިވެރިވި ކަމަށެވެ.

އިސްރާއީލުން މިއަދު ބުނެފައި ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ހަމާސްގެ 13 ބިންގަރާހެއް ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ހަމާސްގެ އެތައް ބިންގަރާހެއް ހުރިކަން އެނގޭ ކަމަށާއި އެހާ ކުރު މުއްދަތެއްގެ ތެރޭގައި 13 ބިންގަރާސް ހަލާކު ކޮށްލެވުމަކީ ކާމިޔާބީއެއް ކަމަށެވެ.

ހަމާސް ޖަމާއަތުން ދޭ ރޮކެޓް ހަމަލާތަކުން ދިފާއު ވުމުގެ ނަމުގައި އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް 10 ދުވަސް ވީ އިރު އެހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 300 އަށް ވުރެ މަތި ވެފައެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު ވަނީ ގާތް ގަނޑަކަށް 2000 އަށް އަރާފައެވެ.

އިސްރާއީލާއި މިސްރު ގުޅިގެން އެއްގަމާއި ކަނޑުން ޣައްޒާ ހިސާރުކޮށްފައި އޮންނަތާ މިހާރު ވަނީ ހަ އަހަރަށް ވުރެ ގިނަވެފައެވެ. އެ އަހަރުގެ ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ވަރުގަދަ އުދުވާންތައް ހިންގާފައެވެ.