ދިރާގު ދިވެހި ލީގުގައި 10 ކުޅުންތެރިންނާއެކު ކްލަބު އީގަލްސް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އުނދަގޫ މޮޅެއް ލިބިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން އީގަލްސް އަތުން މާޒިޔާ މޮޅުވީ 1-0 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މެޗުގައި މާޒިޔާއަށް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނީ ދެ ވަނަ ހާފު ފެށިތާ އަށް މިނެޓް ފަހުން އައްޝަދު އަލީ (އަޑުބަރޭ) އަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އޭނާ އަށް އެ ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް އީގަލްސްގެ ކުޅުންތެރިއަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ.

މެޗުގެ 58 ވަނަ މިނެޓްގައި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމޮންޑް މަންސާރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، އަބޫ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ފައިސަލެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު މާޒިޔާއިން ކާމިޔާބުކުރީ 71 ވަނަ މިނެޓުގަ އެވެ. މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން ސަމްދޫހު މުހައްމަދު ނަގައިދިން ހުރަހަކުން އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށް ދިނީ އަހުމަދު ނާޝިދު (ނާއްޓޭ) އެވެ. އެ ލަނޑު އޭނާ ކާމިޔާބު ކުރީ ބޮލުން ޖަހައި އީގަލްސްގެ ގޯލަށް ފޮނުވާލައިގެންނެވެ.

އޭގެ 11 މިނެޓްފަހުން ލީޑު ފުޅާކުރުމަށް މާޒިޔާއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނާއްޓޭއަށް މުހައްމަދު ތަސްނީމް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ފޮނުވާލީ ސަމްދޫހު އެވެ. ނަމަވެސް އީގަލްސްގެ ކީޕަރު ފައިސަލް ވަނީ ސަމްދޫހު ފޮނުވާލި އެ ޕަނަލްޓީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ވެސް ފައިސަލްގެ ވަރަށް ރީތި ސޭވެއް ފެނިގެންދިޔަ އެވެ. މާޒިޔާގެ މިޑްފީލްޑަރު މޫސާ ޔާމީން ދުރުން ފޮނުވާލި އެ ހަމަލާ ފައިސަލް ދިފާއުކުރީ އީގަލްސްގެ ގޯލުގެ ކަނަށް ދަނިކޮށެވެ. އޭގެ ތިން މިނެޓް ފަހުން އީގަލްސަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އެންޖެލް ކަރަސްކޯސާ މުނޯޒް ފޮނުވާލި އެ ހަމަލާ ދިޔައީ މާޒިޔާގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި ނަތީޖާއާއެކު މާޒިޔާ ވަނީ އެއް ޕޮއިންޓްގެ ލީޑަކާއެކު ވަގުތީ ގޮތުން ލީގުގެ އެއް ވަނައަށް އަރައިފަ އެވެ. ކުޅުނު ފަސް މެޗުން މާޒިޔާއަށް 13 ޕޮއިންޓް ލިބިފައިވާ އިރު، ކުޅުނު ހަތަރު މެޗުން ދެވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި އީގަލްސް އަދިވެސް އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ފަސް މެޗުން އެ ޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ވިކްޓަރީއަށް ފަސް މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.

ލީގުގައި މާދަމާ ބައްދަލުކުރާނީ ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ހަ ވަނައިގައި އޮތް ވެލެންސިއާ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު ފަށާނީ މާދަމާ ރޭ 10:00 ގަ އެވެ.