ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މައްސޫލިޔަތު އަދާކުރުމުގެ ފީއެއް އަމިއްލައަށް ކަނޑައަޅައިގެން ޤާނޫނާ ހިލާފަށް އިނާޔަތް ނަގާކަމަށް ވިދާޅުވެ ޖޭއެސްސީގެ މެންބަރު އައިޝަތު ވެލެޒިނީ މީޑިއާގައި ދައްކަވަފައިވާ ވާހަކަފުޅުތައް އެ ކޮމިޝަނުން މިއަދު ދޮގުކޮށްފި އެވެ.

އެމްއެންބީސީ ވަންގައި ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމެއްގައި ޖޭއެސްސީ ރައީސް އާދަމް މުހައްމަދު ވިދާޅުވީ މެންބަރު ވެލެޒިނީ އިއްޔެ މީޑިއާއަށް މައުލޫމާތު ދެއްވާފައިވަނީ ކަމުގެ އަސްލު އޮޅި، އެ ކޮމިޝަނުގެ އަގު ވެއްޓޭފަދަ ގޮތަކަށް ކަމަށެވެ. ވެލެޒިނީ މީޑިއާއަށް މައުލޫމާތު ދެއްވާފައިވަނީ ކަންހިނގާފައިވާ ގޮތާ ހިލާފަށްކަމުން އެކަން ހިގާފައިވާގޮތް ރައްޔިތުންނަށް އޮޅުން ފިލުވާދިނުމަށް ޕްރެސް ކޮންފަރެންސް އެއް ބޭއްވުމަށާއި، ނޫސް ބަޔާނެއް ނެރުމަށް ޖޭއެސްސީ މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
~
ޕްރެސް ކޮންފަރެންސް ދިނުމަށް އެ ކޮމިޝަނުގެ އަގުލަބިއްޔަތުން ނިންމާފައިވަނީ އެ ކޮމިޝަނުގެ ރައީސާއި ނައިބުރައީސް ކަމަށާއި، މިއަދު މެންދުރު ޖޭއެސްސީން ބާއްވަން އުޅުނު ޕްރެސް ކޮންފަރެންސް ކެންސަލް ކުރީ ވެލެޒިނީ އެތަނަށް ވަޑައިގަތުމުން ކަމަށް ވެސް އާދަމް މުހައްމަދު ކަށަވަރު ކޮށްދެއްވި އެވެ.

"އަލް އުހުތު އައިޝަތު ވެލެޒިނީ މީޑިއަށް ދެއްވާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމުން. މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުން ނިންމެވީ މިކަން އޮތް ގޮތް ރައްޔިތުންނަށް ހާމަވާ ގޮތަށް، ސާފުވާގޮތަށް، ކަން ހިނގާފައިވާގޮތަށް ކޮމިޝަނުގެ ފަރާތުން ނޫސް ބަޔާނެއް ނެރުމަށް. އޭގެ އިތުރުން ކޮމިޝަނުގެ ފަރާތުން ލައިވްކޮށް ނޫސްވެރިންނާ ބައްދަލުކުރުމަށް." ޖޭއެސްސީގެ ރައީސް ވިދާޅުވި އެވެ.

އާދަމް މުހައްމަދު ވިދާޅުވީ ޖޭއެސްސީގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ ރައްޔިތުން މަޖިލީހުން ކަމަށެވެ. އަދި މިކަން ޤާނޫނު އަސާސީން ވަރަށް ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ.
"ކޮމިޝަނުގެ ފަރާތުން މެންބަރުންނަށް ދެއްވާ ކޮމިޝަނުގެ ބައްދަލުވުމަކަށް 500 ރުފިޔާ. ކޮމިޝަނުގެ ކޮމެޓީގެ ބައްދަލުވުމަކަށް 300 ރުފިޔާ، އެގޮތަށް ކޮމިޝަނުން ނިންމެވުމާ އެއްކޮށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް އެކަން ހުށަހަޅާ ފާސްކުރެވިފަ އޮތީ." އާދަމް މުހައްމަދު ވިދާޅުވި އެވެ.

ޖޭއެސްސީ ނައިބު ރައީސް ޑރ. އަފްރާޝީމް އަލީ ވިދާޅުވީ ވެލެޒިނީ ވާހަކަފުޅު ދައްކަވަނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ.

"ވެލެޒިނީ ވާހަކަފުޅު ދައްކަވާ ގޮތުން ހީވަނީ މީ އަލަށް ޖުޑީޝަލް ސާވީސް ކޮމިޝަނަށް ހޮވުނު ހުރިހާ މެންބަރުން ރާވާލައިގެން ކޮށްގެން އުޅޭކަމެއްހެން. ކަމުގެ ހަގީގީ ތާރީހަށް ބަލާއިރު މިއީ 2009 ވަނަ އަހަރު ފެށުނީއްސުރެ ކުރަމުން އަންނަ ކަމެއް،" ޑރ. އަފްރާޝީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ގޮތަށް އެލަވަންސް ތައް ދިނުމަށް ނިންމާފައިވަނީ ކުރީގެ ޖޭއެސްސީ ރައީސް އޭރުގެ ރައްޔިތުން މަޖިލީހުގެ ތ. އަތޮޅު މެންބަރު އަދި މިހާރު ހޯމް މިނިސްޓަރު ހަސަން އަފީފު ކަމަށެވެ. އަދި ވިދާޅުވީ ވެލެޒިނީ ޖޭއެސްސީއާ ގުޅިވަޑައި ގަތީއްސުރެ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އިނާޔަތް ނަންގާވާފައިވާ ކަމަށެވެ.