19 Jul 2014, 23:56
އައްޑޫ ސިޓީގައި ހުރި ފުލުހުންގެ މަރުކަޒުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތަޙުޤީގުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް އަވަސް ނިޒާމެއްގެތެރެއިން މައްސަލަތަކުގެ ތަޙުޤީޤު ކުރިޔަށް ގެންދިއުމަށްޓަކައި އައްޑޫ ސިޓީގައި ފުރަތަމަފަހަރަށް ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓް އުފެއްދައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓް ވަކިން ޤާއިމްކުރުމުން މިހާރު ވަކިވަކި ސްޓެޝަންތަކުން ބަލަމުންދާ ހުރިހާ މައްސަލަތަކެއް ބަލަމުންގެންދާނީ އެޔުނިޓުން ކަމަށެވެ.
އައްޑޫ ސިޓީގެ ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓުން މައްސަލަތައް ބަލަމުންދާނީ ތަފާތު ތިން ސެކްޝަނަކަށް ބަހާލައިގެން ކަމަށާއި މިގޮތުން މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތައް ބެލުމަށް ވަކި ސެކްޝަނަކާއި ކުޑަކުދިންނާއި އާއިލީ މައްސަލަތައް ބެލުމަށް ވަކިސެކްޝަނަކާއި އެހެނިހެން ހުރިހާ މައްސަލަތައް ބެލުމަށް ވަކި ސެކްޝަނެއް ވަނީ ޤާއިމް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިގޮތަށް ހަމަޖެހިގެން ދިއުމުން އައްޑޫ ސިޓީގައި ހުށަހެޅޭ މަސްތުވާ ތަކެއްޗާއި ބަނގުރަލުގެ މައްސަލަތައް ބަލަމުންދާނީ ޑްރަގްސް އެންޑް އަލްކަހޯލް ސެކްޝަނުން ކަމަށެވެ. ޢާއިލީ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ބަލަމުންގެންދާނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެކްޝަނުންނެވެ. އެހެނިހެން މައްސަލަތައް ބަލަމުންގެނދާނީ ޖެނެރަލް އިންވެސްޓިގޭޝަން ސެކްޝަނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައުތު ޕޮލިސް ޑިޥިރަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވިގޮތުގައި މިގޮތަށް އައްޑޫ ސިޓީގައި ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓު އުފެދުމުން އައްޑޫ ސިޓީގައި މަސައްކަތްކުރާ ހުރިހާ އިންވެސްޓިގޭޝަން އޮފިސަރުން މަސައްކަތްކުރަމުންދާނީ މިޔުނިޓުގެ ދަށުންނެވެ. މިގޮތަށް މަސައްކަތް ހަމަޖެހިގެން ދިއުމުން ތަހުޤީޤަށް އިތުރު ފަސޭހަތަކެއްލިބި ތަޙުޤީޤު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާ ކުރެވިގެންދާނެކަންވެސް އަޙްމަދު ޝިފާން ފާހަގަ ކުރެއްވިއެވެ.
އައްޑޫ ސިޓީގައި ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓެއް ވަކިން އުފެދިފައިވާއިރު އައްޑޫސިޓީ ޓްރެފިކް ޕޮލިސްވެސް ވަނީ އުފައްދާފައެވެ. އައްޑޫ ސިޓި ޓްރެފިކްޕޮލިސް އުފައްދައި ޙަރަކާތްތެރިވާންފެށިފަހުން އައްޑޫ ސިޓީގައި ހިނގާ އެކްސިޑެންޓްތައް ހިނގުން ވަނީ މަދުވެފައެވެ.