ކުރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބޭއްވި ޕިލިޕްސް އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ތަށި ތިން ވަނަ ފަހަރަށް ކަސްޓަމްސް ރިކްރިއޭސަން ކްލަބުން އުފުލާލައިފި އެވެ.

ކަސްޓަމްސް ރިކްރިއޭސަން ކްލަބުން ތަށި މިއަދު އުފުލާލީ އެޑިއުކޭޝަން މިނިސްޓްރީއާ ބައްދަލުކޮށް ފަސް ވިކެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިއަދުގެ ފައިނަލް މެޗުގައި ޓޮސް ދިމާވުމުން އެޑިއުކޭސަން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 88 ލަނޑެވެ. އަދި މެޗުގެ މިއިނިންގްސްގައި އެޑިއުކޭސަން ޓީމުން ފާއިޒް ސަމަދު 32 ލަނޑު ހެދިއިރު އެޓީމުގެ ރަވީ ވަނީ 10 ލަނޑުހަދާފަ އެވެ.

މީގެ އިތުރުން މިއަދުގެ މެޗުގެ މިއިނިންގްސްގައި ހައިކަލް ދެ އޯވަރުގެ ތެރޭގައި 15 ލަނޑަށް އެއް ވިކެޓް ނެގިއިރު، މަހުމޫދު ރިޔާޒު ވަނީ ދެ އޯވަރުގެ ތެރޭގައި 14 ލަނޑަށް އެއްވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކަސްޓަމްސް ކުޅެންއަރައި ހަ ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 91 ލަނޑުހެދި އެވެ. އަދި މެޗުގައި އެ ޓީމަށް ލަނޑުތައް ހަދައި ދިނީ 13 ލަނޑު ހެދި މަހްމޫދު ރިޔާޒް އާއި 19 ލަނޑު ހެދި މުހަންމަދު އާމިރާއި 20 ލަނޑު ހެދި ހައިކަލް އަދި 11 ލަނޑު ހެދި ފައިސަލެވެ. އެޑިއުކޭސަން ޓީމުން ވިކެޓް ނެގީ ސަންތޯސް އެއްވިކެޓް އަދި ރަވީ އެއްވިކެޓް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ބައުންޑަރީ ޖަހައި ފަރާތަކަށް ހޮވުނީ މީރާގެ އަހްމަދު ހަސަނެވެ. އެންމެ ގިނަ ވިކެޓް ނެގި އުކުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ އަހްމަދު އާމިރެވެ. އަދި ކްރިކެޓް ބޯޑުން ފައިސާގެ އިނާމާއި އެސްޓީއޯ ގިފްޓް ޕެކް ހަވާލުކުރީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ އެސިސްޓަންޓް މެނޭޖަރު މުހަންމަދު މުރާދެވެ. ދެ ވަަނަ އަށް ދިޔަ ޓީމަށް ކްރިކެޓް ބޯޑުން ދޭ ތަށި ހަވާލު ކުރީ ބޯޑުގެ އެކްސްކޯ މެމްބަރު އަހްމަދު ޝަފީގް އަދި ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ދިނީ ކްރިކެޓް ބޯޑުގެ ވައިސް ޕްރެޒިޓަންޓް މުހަންމަދު ފައިސަލެވެ.

ކްރިކެޓް ބޯޑުން ބުނީ މި މުބާރާތަށްފަހު މާދަމާ ހަވީރު ފެށުމަށް ދެން ހަމަޖެހިފައި ވަނީ ފިލިޕް ކޮޕްމެނީ ކްރިކެޓް މުބާރާތެވެ. އަދި މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސޮނީހާޑްވެއާ އާއި އައިލޭންޑް އޭވިއޭޝަނެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އެޓޯލް ހައިޑްއައުޓާއި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑެވެ. ކުޅުން ކުރިއައްދާނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގަ އެވެ.