19 Jul 2014, 22:24
ކޮކާކޯލާ ވެޓަރަންސް ކަޕްގެ ދެ ވަނަ ބުރުގައި މަހިބަދޫ ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 6-0 ލަނޑުގެ ބޮޑުތަފާތުން މޮޅުވެ، ދިވެހި ސިފައިން ކްލަބު ސެމީ ފައިނަލަށް މިއަދު ދަތުރުކޮށްފި އެވެ.
ލައިފް ބޯއީ އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ހާފުުގައި ދިވެހި ސިފައިން ކްލަބު އެއް ލަނޑު ޖަހާފައިވަނިކޮށް ފަހު ހާފުގައި ދިވެހި ސިފައިން ކްލަބު ވަނީ ލީޑު ފުޅާކޮށް، އިތުރު ފަސް ލަނޑު ޖަހާފަ އެވެ.
ސިފައިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗްގައި މަހިބަދޫ ކޮޅަށް ސިފައިންގެ ޓީމުގެ އަބްދުﷲ ނަސީރު ވަނީ ތިން ގޯލް ޖަހައި ހެޓްރިކް ހަދައިފަ އެވެ. މިއަދުގެ މެޗުގައި ސިފައިންގެ ކުލަބުން ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިން ނަކީ ދެ ގޯލް ޖެހި މުހައްމަދު ރަމީޒު އާއި އެއް ގޯލް ޖެހި ސަލީމް ހުސައިނެވެ.
މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ސިފައިން މުހައްމަދު ރަމީޒެވެ.
މި މުބާރަތުގެ ސެމީ ފައިނަލުގައި ޑީއެސްސީ ދެން ކުޅެންޖެހޭ މެޗު އޮންނާނީ ހޯމަ ދުވަހުގެ ހަވީރު 4:40 ގަ އެވެ. އެ މެޗުގައި ދިވެހި ސިފައިން ކްލަބު ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބާ އެވެ.
މުބާރާތުގައި މާދަމާ ހަވީރު 4:40 ގައި ބައްދަލުކުރާ ދެ ޓީމަކީ ސޮކަވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުލަބް ވެލެންސިޔާ އެވެ.