ނެދަރލެންޑްސްގެ 189 ފަސިންޖަރުންނާއެކު މެލޭޝިއާގެ ކުއާލަލަމްޕޫރަށް ދަތުރުކުރަމުންދިޔަ މެލޭޝިއަން ‏‏އެއާލައިންސްގެ މަތިންދާ ބޯޓު ވެއްޓި އެ ބޯޓުން ދަތުރުކުރި ‏އެންމެން މަރުވުމާ ގުޅިގެން ނެދަލެންޑްސާއި މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފި އެވެ.

މެލޭޝިޔާގެ ރަސްގެފާނު އަލްމުޢުތަސިމު ބިﷲ މުޙިއްބުދީން ޓުއަންކު އަލްޙާޖް ޢަބްދުލްޙަލީމަށާއި އެ ގައުމުގެ ބޮޑު ވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބު ބިން ތުން ޙާޖީ ޢަބްދުއްރައްޒާޤަށާއި ނެދަރލެންޑްސްގެ ރަސްގެފާނު ވިލިއަމް-އެލެކްސަންޑްރާއަށާއި، ބޮޑުވަޒީރު މާކް ރިޓާއަށް ރައީސް ޔާމިން ފޮނުއްވެވި މެސެޖުގައި އެ ދެ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ބައިވެރިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ހިތާމައިގެ މި ދަނޑުވަޅުގައި ރައީސް ޔާމިންގެ އަމިއްލަ ނަންފުޅުގައި މެލޭޝިއާ އާއި ނެދަލެންޑްސްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ވެސް ހަމްދަރުދީ ރައްދުކޮށްދެއްވުމަށް ރައީސް ޔާމިން އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.