19 Jul 2014, 22:01
ޕާކިސްތާންގެ ބަލޮޗިސްތާނު ޔުނައިޓެޑް ފުޓްބޯޅަ ކްލަބަށް ކުޅުމުގެ ފުރުސަތު ލިބުމުން އުފާ ވާކަމަށާއި ހަމަ އެއާއެކު ފުޓްބޯޅައިން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޓީމްގެ ހުނަރުވެރި ޑިފެންޑަރު އަރީޝާ ރިޒާ ބުނެފި އެވެ.
އަންނަ މަހުގެ 11 އިން 31 ގެ ނިޔަލަށް ޕާކިސްތާނުގައި އޮންނަ ދިހަ ވަނަ އަންހެން ގައުމީ ފުޓްބޯޅަ މުބާރާތުގައި އެގައުމުގެ ބަލޮޗިސްތާނު ޔުނައިޓެޑް ކްލަބަށް ކުޅުމަށް މިއަދު ހަވީރު މާލެއިން ފުރުމުގެ ކުރިން 'ސަން' އަށް ދިން އިންޓަވިއުގައި އަރީޝާ ބުނީ، ޕާކިސްތާންގެ ޓީމަށް ކުޅުމުގެ ފުރުސަތު ހޯދައިދިން ސަން ޓީމުގެ މެންޖޭމަންޓަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި މިފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ރާއްޖެއަށް ފުޓްބޯޅައިން ރީތި ނަމެއް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
"މިއީ އަހަރެންގެ ހަޔާތުގައި ލިބުނު ރަނގަޅު ފުރުސަތެއް. މިފުރުސަތުގެ ބޭނުން ހިފައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ވަރަށް މަސައްކަތް ކުރާނަން. ސަން ޓީމުގެ މެނޭޖްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. އަހަރެން ދުވަހަކުވެސް ސަންގެ މެނޭޖްމަންޓުގެ ފަރާތުން ކޮށްދޭ ކަންތައް ހަދާން ނައްތައެއް ނުލާނަން." އަރީޝާ ބުންޏެވެ.
އަރީޝާ ބުނީ، ފުޓްބޯޅަ ކުޅުމަކީ އަބަދުވެސް ވަރަށް ކުރާހިތްވާ ކަމެއް ކަމަށާއި މުސްތަގްބަލްގައި ދެން އޭނާ ކުރިއަށް ދާން ބޭނުން ވަނީ ކޯޗިންގެ ދާއިރާއިން ކަމަށެވެ.
"އަހަރެން ވަރަށް ބޭނުން ކޯޗިން ދާއިރާއިން ކުރިއަށްދާން. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން." އަރީޝާ ބުންޏެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ އަރީޝާ އަކީ އެފްއޭއެމުން އިންތިޒާމް ކޮށްގެން 2012 ވަނަ އަހަރު ބޭއްވި ފުރަތަމަ އަންހެން ފުޓްބޯޅަ މުބާރާތުގެ ތަށި ސަންޓީމަށް ކާމިޔާބު ކޮށްދިނުމުގައި ވެސް މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.
މި ދުވަސްވަރަކީ އަންހެން ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޕްރެކްޓިސް ކުރުމުންދާ ވަގުތަކަށް ވީނަމަވެސް އެފްއޭއެމުން ވަނީ އަރީޝާއަށް ރިލީސް ދީފައެވެ.
މިއީ ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިއަކު ރާއްޖޭން ބޭރުގެ ކްލަބަކަށް ކުޅޭ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ދެ ކުޅުންތެރިން ކަމަށްވާ މަރިޔަމް މިރުފަތާއި ފަދުވާ ވަނީ 2011 އަހަރު ސްވިޑްންގެ އެކަޑަމީއަކުން ތިންހަފްތާގެ ތަމްރީންތަކެއް ފުރިހަމަ ކޮށްފައެވެ.