ސަން ހޮޓެލްސް އެންޑް ރިސޯޓްސް، އަދި ރާއްޖޭގަ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު އަރީޝާ ރިޒާ ޕާކިސްތާނުގެ ޓީމަކަށް ފުޓްބޯޅަ ކުޅުމަށް ޓަކައި މިއަދު ފުރައިފި އެވެ.

ސަން ޓީމުން މައުލޫމާތު ދިން ގޮތުގައި އަރީޝާ ކުޅޭނީ އަންނަ މަހު 11 އިން 31 އަށް ޕާކިސްތާނުގައި ކުރިޔަށް ގެންދާ އެ ގައުމުގެ 10 ވަނަ ނެޝަނަލް ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕުގައި، ބަލޯޗިސްޓަން ޔުނައިޓެޑް ވިމެންސް ފުޓްބޯލް ކްލަބް އަށެވެ.

ބަލޯޗިސްޓަން ޔުނައިޓެޑް ވިމެންސް ފުޓްބޯލް ކްލަބް ގައި ޕާކިސްތާނުގެ އަންހެން ގައުމީ ޓީމުގެ ހަތަރު ކުޅުންތެރީން ހިމެނެ އެވެ. އެ ޓީމުގެ ހެޑް ކޯޗް، ތޯރިޤް ލުތުފީ އަކީ ޕާކިސްތާން ގެ އަންހެން ގައުމީ ޓީމުގެ ވެސް ހެޑް ކޯޗެވެ. އެ ޓީމަކީ މިދިޔަ އަހަރު އޮތް ނެޝަނަލް ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕުގެ ރަނަ އަޕް ޓީމުވެސްމެ އެވެ.

ބަލޯޗިސްޓަން ޔުނައިޓެޑް ވިމެންސް ފުޓްބޯލް އެސޯސިއޭޝަން ގެ ރައީސް، ރުބީނާ އިރްފާން އަކީ ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަންގެ ވައިސް ޗެއާޕާސަން އަދި ވިމެންސް ކޮމެޓީގެ ޗެއާޕާސަން އެވެ.

ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޓީމުގެ މެނޭޖަރު އާއިޝާތު ރަފިއްޔާ ވިދާޅުވީ އަރީޝާ ޕާކިސްތާން ޓީމަކަށް ކުޅެން ދަނީ ކުރު މުއްދަތުގެ ޓްރާންސްފާއެއްގެ ދަށުން ކަމަށާއި އޭނާ ކުރިޔަށް އޮތް ތަނުގައި ވެސް ހުންނާނީ ސަން ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.

"އަރީޝާ އަކީ ރާއްޖޭގެ އެންމެ މޮޅު އެއް ޑިފެންޑަރު. އަދި މި ގޮތަށް ފުޓުބޯޅަ ކުޅެން ފުރުސަތު ލިބިގެން ބޭރުގެ ޓީމަކަށް ކުޅެންދާ ރާއްޖޭގެ ފުރަތަމަ އަންހެން ފުޓުބޯޅަ ކުޅުންތެރިޔާވެސްމެ. އަރީޝާ އަށް ޓަކައި އަޅުގަނޑު އަދި ސަން ޓީމު ފަޚުރުވެރިވަން. އަޅުގަނޑުމެންގެ އުއްމީދަކީ ޕާކިސްތާނުގެ ޓީމަށް ވެސް އަރީޝާ އެސެޓަކަށް ވެގެން ދިއުން،" ރާއްޖޭގެ ފުރަތަމަ އަންހެން ގައުމީ ފުޓުބޯޅަ ތަށި އުފުލައިލި، އަދި އަރީޝާ އަށް މި ފުރުސަތު ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރި ސަން ޓީމުގެ މެނޭޖަރު ރަފިއްޔާ ވިދާޅުވި އެވެ.

ދ. މީދު އަށް އުފަން އަރީޝާ އަކީ ފާއިތުވި 10 އަހަރު ދުވަހު ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނެމުން އަންނަ ކުޅުންތެރިއެކެވެ. އެ މުއްދަތުގައި ގައުމީ އަންހެން ޓީމު ވާދަކުރި ގިނަ މުބާރާތްތަކުގައި އަރީޝާ ވަނީ ކުޅެފަ އެވެ. އަދި 2012 ވަނަ ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ އަންހެން ގައުމީ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރީންގެ ތެރޭގައި އަރީޝާ ވަނީ ހިމެނިފަ އެވެ.

އަރީޝާ ރާއްޖޭގައި ކުޅެމުން އަންނަ ކްލަބް، ސަން ވަނީ އެންމެ ފުރަތަމަ ރާއްޖޭގައި ބޭއްވި އަންހެން ގައުމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަމުގެ ޝަރަފު ހޯދުމުގެ އިތުރުން މި އަހަރު އޮތް ދެވަނަ ގައުމީ މުބާރާތުގެ ފައިނަލުގައިވެސް ކުޅެފަ އެވެ. އަދި ސަން ޓީމަކީ މި އަހަރުގެ މުބާރާތުގެ ފެއާޕްލޭ ޓީމެވެ. އެ ޓީމުގެ ދެ ކުޅުންތެރީން މި އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރީންގެ ތެރޭގައި ހިމެނިފައިވެ އެވެ.

ސަން ޓީމުން މައުލޫމާތުދިން ގޮތުގައި، އަރީޝާގެ ދަތުރުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ޕާކިސްތާން ޓީމުގެ ފަރާތުންނެވެ. އޭގެ އިތުރުން ފައިސާގެ އެލަވަންސެއް ވެސް އަރީޝާ އަށް ދޭން ޕާކިސްތާނު ޓީމުން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް އެއީ ކިހާވަރެއް ކަމެއް ސަން ޓީމުގެ ފަރާތުން ހާމައެއް ނުކުރެ އެވެ.