ކެރަމް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ ހަތަރުވަނަ ރަމަޟާން ކެރަމް ކަޕްގެ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލުން ކުޅުންތެރިން ޖާގަކަށަވަރުކޮށްފި އެވެ.

ރޭ ކުޅުނު ފިރިހެން ސިންގަލްސް ސެމީ ފައިނަލް ފުރަތަމަ މެޗުގައި މުހައްމަދު ފަރީމް ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ޝާފީ މުހައްމަދެވެ. ޝާފީ މުހައްމަދަކީ އެންމެ ފަހުން ބޭއްވުނު ރަމަޟާން ކަޕުގެ ޗެމްޕިއަންއެވެ.

ފިރިހެން ސިންގަލްސް ސެމީ ފައިނަލް ދެވަނަ މެޗުގައި ހުސެއިން އަލީ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ މުހައްމަދު މުންތަސިރެވެ.

ރޭ ކުޅުނު އަންހެން ސިންގަލްސް ސެމީ ފައިނަލް ފުރަތަމަ މެޗުގައި އަފީފުއްނިސާ ބަލިކޮށް އަންހެން ސިންގަލްސް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އައިޝަތު ފައިނާޒެވެ. އައިޝަތު ފައިނާޒަކީ ވެސް އެންމެ ފަހުން ބޭއްވުނު ރަމަޟާން ކަޕުގެ ޗެމްޕިއަންއެވެ. އަންހެން ސިންގަލްސް ސެމީ ފައިނަލް ދެވަނަ މެޗުގައި އައިމިނަތު ވިޝާމާ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަކަށަވަރުކުރީ އައިމިނަތު ނިފާޝާ އެވެ.

މި މުބާރާތުގެ ފިރިހެން ޑަބަލްސް ފައިނަލް ގައި ބައްދަލުކުރާނީ އަހުމަދު ޖަލާލް އަލީ އާއި ސާލިމް އަދުނާނުގެ ޕެއަރއާއި އާދަމް އަދީލް އާއި ހަސަން ނިޔާޒްގެ ޕެއަރއެވެ. އަދި އަންހެން ޑަބަލްސް ފައިނަލްގައި ބައްދަލުކުރާނީ އައިމިނަތު ވިޝާމާ އާއި ރިފްޤާ މުހައްމަދުގެ ޕެއަރއާއި އައިޝަތު ފައިނާޒު އާއި އިފާޝާ ޝަރީފްގެ ޕެއަރއެވެ.

މިމަހު 15 އިން 19 އަށް ކުރިއަށްގެންދާ މި މުބާރާތުގައި 173 ބައިވެރި ވެފައިވާ އިރު، މުބާރާތުގެ ސިންގަލްސް އަދި ޑަބްލްސް އިވެންޓުގެ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ.