11 Jan 2011, 18:56
މާލޭގެ ތޮއްޖެހުމަށް ހައްލު ހޯދުމަށްޓަކައި ވިލިމާލޭ ހުނޅަގުން އޮންނަ ގުޅިފަޅުން ފެށިގެން ތިލަފަޅާއި ގިރާވަރު ފަޅު ހިއްކައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"ދޮރުން ދޮރަށް" މި ޝިޔާރާއެކު މާލޭގެ ރައްޔިތުންގެ ހާލަތު ބެލުމަށް އެމްޑީޕީން، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މާލެއަށް އަމާޒުކުރާ ކެންޕޭން ފައްޓަވައި ދެއްވުމަށް އެމްޑީޕީ ހަރުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދޭނެ ކަމަށާއި އެ ހައްލަކީ ވިލިމާލޭ ހުޅަނގުން ފެށިގެން އޮތް ފަޅުތައް ހިންކުން ކަމަށެވެ.
~
"... ވިލިނގިލިން، ތިލަފަޅުން، ގިރާވަރު ފަޅުން މިހެން ގޮސް މާލޭގެ އެ ދުނި އެއްކޮށް ވެސް ގާތްގަނޑަކަށް ބިން ހެދެން، އުފެއްދެން އެބައޮތް. އެ ބިންތައް އުފައްދައި އެ ބިންތައް ގުޅުވައި އެ ބިންތަކަށް މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުސަތު ހުޅުވާލުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. ކޮށްދެވޭނެ ކަމެއް އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ފެށި ދޮރުން ދޮރަށް ކެންޕެއިނަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް މާލޭގެ ގެތަކަށް ޒިޔާރަތް ކުރި ގޮތަށް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން މާލޭގެ ގެތަކަށް ގޮސް ރައްޔިތުންގެ ހިންހަމަނުޖެހުންތައް ބަލަން ބޭނުންވާ ކަމަށެވެ. އަދި އެ ހިންހަމަނުޖެހުންތަކާއި ސަރުކާރުން އިސްލާހު ކުރަން ހުރި ކަންތައްތައް ރައްޔިތުން ޝުއޫރާއެކު ބައްލަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިފަހަރުގެ ކެންޕެއިންގައި ރައްޔިތުންގެ ކިބައިން ސީދާ ވޯޓަކަށް އަހާނެ ކަމަށާއި އެމްޑީޕީއަށް ވޯޓް ދިނުމަށް އެދޭނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ހުރަހަކަށްވާނެ ފަރާތަކީ އިދިކޮޅު ފަރާތްތައް ކަމުގައިވިޔަސް އެ ފަރާތްތައް ހަމަހިމޭންވެފައި ވުމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް 70 ޕަސެންޓް ވޯޓް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިއަދު މާލޭގައި ފެށި ދޮރުން ދޮރަށް ކެންޕޭންގެ ދަށުން ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓުންގެ ޕޯސްޓަރުތައްތައް މާލޭގެ އެކި ހިސާބުތަކުގައި ތަތްކުރުމާއި ފާރުތަކުގައި އެމްޑީޕީގެ "ރީނދޫ" ކުލަ ލުމުގެ ހަރަކާތުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.