19 Jul 2014, 16:38
ރާޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޢަރީޝާ ރިޒާ އާއި ފަދުވާ ޒާހިރަށް ރާއްޖެއިން ބޭރުގެ ދެ ޓީމަކަށް ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބުނީ، ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އަރީޝާއަށް ފުރުސަތު ލިބިފައި ވަނީ، ޕާކިސްތާނުގެ 10 ވަނަ އަންހެން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމެއް ކަމަށްވާ ބަލޮޗިސްތާން ޔުނައިޓެޑް ފުޓްބޯޅަ ކުލަބުން ކަމަށެވެ. މިއީ ސަން ޓީމުން ހޯދާފައިވާ ފުރުސަތެކެވެ.
އޯގަސްޓް 11 އިން 31 އަށް ކުރިއަށް ގެންދާ އެ މުބާރާތަށް ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވުމަށް ޢަރީޝަ ޕާކިސްތާނަށް ފުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ.
ފަދުވާ ޒާހިރަށް ފުރުސަތު ލިބިފައި ވަނީ، ސްވިޑަންގެ ފުޓްބޯޅަ ކުލަބެއް ކަމަށްވާ ސްޖާލެވަޑް ލޭޑީސް އިންނެވެ. އަދި ސްވިޑަންގެ ޑްރެގޮންސްކޮލަން އެލީޓް ފުޓްބޯޅަ އެކަޑަމީގައި ތިން ހަފްތާގެ ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިފައިވާ ފަދުވާ، ސްވިޑްންއަށް ފުރުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރާ ފަދުވާ އަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަންހެން ޓީމުގެ ކެޕްޓަނެވެ. އަދި އަރީޝާ އަކީ ފާއިތުވި ދެ އަހަރުވެސް ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޓީމްގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
"މިއީ ރާއްޖޭގެ އަންހެން ފުޓްބޯޅައަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އެފްއޭއެމުން އަބަދުވެސް މަސައްކަތް ކުރަނީ ކުޅުންތެރިންނަށް މިފަދަ ފުރުސަތުތައް ހޯދައިދީ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އަދި މިފަދަ އިތުރު ފުރުސަތުތަކަށް އަބަދުވެސް މަރުހަބާ ކިޔާނަން،" ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗް އަދި ވިމަންސް ފުޓް ބޯލް ޑިޕާޓްމެންޓް ހެޑް މާޔަން މުހަންމަދު ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިއަކު ރާއްޖޭން ބޭރުގެ ކްލަބަކަށް ކުޅޭ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ދެ ކުޅުންތެރިން ކަމަށްވާ މަރިޔަމް މިރުފަތާއި ފަދުވާ ޒާހިރު ވަނީ 2011 އަހަރު ސްވިޑްންގެ އެކަޑަމީއަކުން ތިންހަފްތާގެ ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ.
އެފްއޭއެމުން ބުނީ، މިދުވަސްކޮޅަކީ އަންހެން ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ފަރިތަކުރުންތައް ފަށާފައިވާ ވަގުތަކަށް ވީނަމަވެސް ފަދުވާއާއި ޢަރީޝާއަށް ރިލީސް ދީފައި ވާ ކަމަށެވެ. އަދި މި ދެކުޅުންތެރިން ވެސް ބޭރުގެ ޓީމަށް ކުޅުމަށްފަހު އޮގަސްޓް ނިމޭ ހިސާބުގައި ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރި ވާނެ ކަމަށެވެ.