ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ލައިފް ސްކިލްސް ސެޝަންތައް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ށ. އަތޮޅުގެ ޓީޗަރުން ތަމްރީނު ކުރުމަށް ހިންގި ވޯކްޝޮޕް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް މިމަހު އަށްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް ށ. އަތޮޅަށް ޚާއްސަކޮއްގެން ށ. ފުނަދޫ ސްކޫލްގައި ބޭއްވި ވޯކްޝޮޕްގައި ޖުމްލަ 26 ބޭފުޅަކު ބައިވެރި ވެފައިވާ ކަމަށެވެ. އޭގެތެރޭގައި ޓީޗަރުންނާއި ލީޑިން ޓީޗަރުންގެ އިތުރުން ޕްރިންސިޕަލުން ވެސް ހިމެނެއެވެ.

އެ ޕްރޮގްރާމަކީ ކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ލައިފް ސްކިލް ޓްރެއިނިން ވޯކްޝޮޕް ހިންގުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ށ. އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި އެ ވޯކްޝޮޕަކީ އެ ޕްރޮގްރާމްގެ ދަށުން ހިންގާ ހަތަރުވަނަ ވޯކްޝޮޕް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.