މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން ފޮނުއްވި ޢައިޝަތު ޒާހިރާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

‏މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި ހ. ‏‏ސަނޯރާމާ، އާއިޝަތު ޒާހިރާގެ މަގާމުގެ މުއްދަތު، އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހަށް ހަމަވާތީ، އެކަމަނާ އެމަގާމަށް އަލުން އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ޒާހިރާ އެ މާގާމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ ކޮމެޓީން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ޒާހިރާއަށް މާކްސް ލިބިވަޑައިގެންފައި ވާތީ އެވެ. އެގޮތުން 90.5 ޕަސެންޓް މާކްސް ޒާހިރާ އަށް ލިބިވަޑައިގެންނެވި އެވެ. ފާސް ވުމަށް ބޭނުންވަނީ 75 ޕަސެންޓް މާކްސް އެވެ.

" މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ޑެޕިޔުޓީ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރީއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ އާއިޝަތު ޒާހިރާއާ ކޮމެޓީން އިންޓަވިއުކުރެއްވުމަށްފަހު ކޮމެޓީގެ މެންބަރުން މާކްސް ދެއްވުމުން އެކަމަނާ އަށް 75 އިންސައްތަ އަށްވުރެން މަތިން މާކްސް ލިބިވަޑައިގެންފައިވާތީ އެކަމަނާ އަކީ އެ މަގާމަށް އައްޔަން ކުރެއްވުމަށް އެކަށީގެންވާ ބޭފުޅެއް ކަަމަށް ކޮމެޓީން ނިންމައިފީމެވެ." ކޮމެޓީގެ ނިންމުމުގައި ވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން ފޮނުއްވި ޢައިޝަތު ޒާހިރާ އެ މަގާމަށް އައްޔަން ކުރުމުގެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފަ އެވެ.