އެތުލެޓިކޯ މެޑްރިޑްގެ ބްރެޒިލް ޑިފެންޑަރު ފިލިޕޭ ލުއިސް، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޗެލްސީއަށް ސޮއިކޮށްފި އެވެ.

ޗެލްސީގައި ފިލިޕޭ ލުއިސް ކުޅޭނީ އެ ކްލަބުގެ ކުރީގެ ތަރި އޭޝްލީ ކޯލް ކުޅުނު ލެފްޓް ބެކްގެ މަގާމަށެވެ. އަދި ޗެލްސީގައި އޭނާ ބޭނުންކުރާނީ އެކްލަބުގެ ކުރީގެ ތަރި މައިކަލް އެސިއަން ބޭނުންކުރި އެ ޓީމުގެ ފަސް ނަންބަރު ޖާޒީ އެވެ. އަށް އަހަރު ދުވަހު ޗެލްސީގައި ހޭދަކުރުމަށް ފަހު، ހިލޭ ޓްރާންސްފާއެއްގެ ދަށުން އިނގިރޭސި ލެފްޓް ބެކް، ކޯލް ވަނީ އިޓަލީގެ އޭއެސް ރޯމާއާ ގުޅިފައެވެ.

"ޗެލްސީއާ ގުޅުމަކީ އަހަރެންގެ ހުވަފެން ހަގީގަތަކަށް ވުން ފަދަ ކަމެއް. މިހާރު އަހަރެންނަށް މި ލިބުނީ ޗެލްސީ އަދި ޕްރިމިއާ ލީގަށް ކުޅުމުގެ ފުރުސަތު،" އުމުރުން 28 އަހަރުގެ ފިލިޕޭ ލުއިސް ބުންޏެވެ. "ކުރިއަށް އޮތް ސީޒަނުތަކުގައި ޗެލްސީއަށް އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ގިނަ މަސައްކަތްތަކެއް ކުރާނަން. އަހަރެން މިހިރީ ކްލަބާއެކު މަސައްކަތް ފެށުމަށް ކެތްމަދުވެފައި."

އެތުލެޓިކޯއާ 2010 ވަނަ އަހަރު ގުޅުމަށް ފަހު، ފިލިޕޭ ލުއިސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އެތުލެޓިކޯއަށް މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ ހޯދައިދިނުމަށް އިސް ދައުރެއް އަދާކޮށްދީ، ޗެމްޕިއަންސް ލީގު ފައިނަލުގެ ޖާގައެއް ހޯދައިދިނުމަށް ވެސް އެތުލެޓިކޯއަށް ވަނީ އެހީތެރިވެދީފަ އެވެ. ނަމަވެސް ނިމިގެންދިޔަ ވޯލްޑް ކަޕަށް ބްރެޒިލަށް ނެގި ސްކޮޑުގައި އޭނާ ހިމަނާފައެއް ނުވެއެވެ.

ފިލިޕޭ ލުއިސްއަކީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް އެތުލެޓިކޯއިން ޗެލްސީއަށް އައި ތިންވަނަ ކުޅުންތެރިޔާ އެވެ. އެތުލެޓިކޯގެ ފޯވަޑް ޑިއެގޯ ކޮސްޓާ، 44 މިލިއަން ޔޫރޯއަށް ޗެލްސީއާ ގުޅުނު އިރު، ލޯނުގެ ދަށުން އެތުލެޓިކޯއަށް ކުޅުނު ގޯލްކީޕަރު ތިބޯޓް ކޯޓުވާ ވެސް ވަނީ އެނބުރި ޗެލްސީއަށް އައިސްފަ އެވެ.