ޗެލްސީއާއެކު ސްޕެއިން މިޑްފީލްޑަރު އޯރިއޮލް ރޮމެއޫ ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ. އޭނާ ހަދާފައިވާ އެއްބަސްވުން އާކޮށްފައި ވަނީ އިތުރު ތިން އަހަރާ ބައިގެ މުއްދަތެއްގައި އެކްލަބުގައި މަޑުކުރުމަށެވެ.

އުމުރުން 22 އަހަރުގެ މިިޑްފީލްޑަރު ޗެލްސީއާ ގުޅުނީ ބާސެލޯނާއަށް ކުޅުމަށްފަހު 2011 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. މިހާރު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2017 ވަނަ އަހަރެވެ.

ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ރޮމެއޫ ވަނީ ޕްރިމިއާ ލީގުގެ 16 މެޗެއްގައި ކުޅެފައެވެ. އޭގެ ފަހުން ރޮމެއޫއަށް ކުރިމަތިވި ކަކުލުގެ އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ޗެލްސީ ޓީމުން ޖާގަ ހޯދުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ޗެލްސީ ޓީމުން ޖާގަ ލިބުން ދަތިވުމާއެކު މިދިޔަ ސީޒަނުގައި ރޮމެއޫ ކުޅުނީ ލޯނުގެ ދަށުން ސްޕެނިޝް ލަލީގާގެ ވެލެންސިއާއަށެވެ. މިހާރު އޭނާ ހުރީ ޗެލްސީގެ ފަރިތަކުރުންތަކުގައި އިނގިރޭސިވިލާތުގައެވެ.

މިދިޔަ ބުދަ ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ރޮމެއޫ ވަނީ 70 މިނެޓަށް ޗެލްސީއަށް ކުޅެފައެވެ. ވައިކޯމްބް ވެންޑަރާސްއާ ދެކޮޅަށް ކުޅުނު އެ މެޗުން ޗެލްސީ މޮޅުވީ 5-0 ލަނޑުންނެވެ.