ސްކޫލްތަކުގެ ޓީޗަރުން މެދުވެރިކޮށް ފުރާވަރަށް އަރައިގެން އަންނަ ކުދިންނަށް ސިއްހީ މައުލޫމާތު ދިނުމަށްޓަކައި ޓީޗަރުން ތަމްރީނުކުރުމަށް ބޭއްވި ތަމްރީނު ޕްރޮގްރާމް މިއަދު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން 26 ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ އެކަމަށްޓަކައި މިއަދު ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގައި މިއަދު ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޑރ. އަހުމަދު ރިޔާޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ މިއަދު ނިމިގެންދިޔަ ވޯކްޝޮޕަކީ ސްކޫލްތަކަށް ވަރަށް މުހިންމު އަދި ވަރަށް ބޭނުންތެރި ވޯކްޝޮޕެއް ކަމަށާއި ޚާއްސަކޮށް ސިއްހީ ދާއިރާއާ ބެހޭގޮތުން ދަރިވަރުންނަށް ބޭނުންވާނެ މައުލޫމާތު ޓީޗަރުންނަށް ފޯރުކޮށް ދިނުމަކީ އެ ވޯކްޝޮޕްގެ ފުރިހަމަކަން ކަމަށެވެ.

"ކުދިންނަށް ބޭނުންވާ ސިއްހީ މައުލޫމާތު އެ ކުދިންނާ ހަމައަށް ފޯރުކޮށް ދިނުމުގެ ކުރިން ފުރަތަމަ ޓީޗަރުންނަށް ނުވަތަ ބެލެނިވެރިންނަށް އެ މައުލޫމާތު އެނގެން އެބަޖެހޭ. އެއަށްފަހު ފުރާވަރުގައި އެފަދަ ސިއްހީ މައުލޫމާތުތައް ދަރިވަރުންނަށް ފޯރުކޮށް ދިނުމަކީ ސްކޫލް މަރުހަލާގައި ވަރަށް މުހިންމު ކަމެއް،" ރިޔާޒް ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިންނަށް ފޯރުކޮށްދިން މައުލޫމާތުތަކުގެ ތެރޭގައި ފުރާވަރަށް އަންނައިރު ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި، އެޗްއައިވީ ނުވަތަ އެއިޑްސް ގެ އިތުރުން ކެއުން ބުއިން ބައްޓަންކުރާނެ ގޮތާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރައްކާތެރި ކަމާއި އޭގެ އިތުރުން ލައިފް ސްޓައިލާ ބެހޭ ގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ހިންގަން ފަށާފައިވާ އެ ވޯކްޝޮޕް އަންނަ އަހަރުން ފެށިގެން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުރިއަށް ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.