19 Jul 2014, 16:18
މެކްސިކޯގެ ޕަޗޫޗާގެ އިކުއެޑޯ ފޯވަޑް އެނާ ވެލެންސިއާ، އިނގިރޭސި ކްލަބު ވެސްޓް ހޭމްއަށް ސޮއިކޮށްފި އެވެ.
އުމުރުން 25 އަހަރުގެ ވެލެންސިއާ، ވެސްޓް ހޭމްއާ ގުޅިފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ވެލެންސިއާއަކީ އަންނަ ސީޒަނަށް ވެސްޓް ހޭމް އިތުރަށް ވަރުގަދަ ކުރުމަށް އެ ޓީމަށް ގެނައި ފަސްވަނަ ކުޅުންތެރިޔާ އެވެ. އޭނާ ސޮއިކުރުމުގެ ކުރިން އެ ޓީމާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި އާރޮން ކްރެސްވެލް އާއި ޗޭކޫ ކޫޔާޓޭ އާއި މައުރޯ ޒަރާޓޭ އަދި ޑިއޭގޯ ޕޮޔެޓް ހިމެނެ އެވެ.
ވެލެންސިއާއަކީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި އިކުއެޑޯއަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެ މުބާރާތުގައި ވެލެންސިއާ ވަނީ ޖުމްލަ ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޕަޗޫޗާއަށް 23 ލަނޑު ކާމިޔާބުކޮށްދިން ވެލެންސިއާއާ އެކު، ވެސްޓް ހޭމްގެ ފޯވަޑް ލައިނުގައި ހަރަކާތްތެރި ވާނީ އިނގިރޭސި ފޯވަޑް އެންޑީ ކެރޯލް އެވެ.
ވެލެންސިއާއަށް ހުށަހަޅާފައިވާ އަގެއް، ވެސްޓް ހޭމްއިން ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި އެ ކްލަބުން ވެލެންސިއާއަށް ހުށަހަޅާފައި ވަނީ 19 މިލިއަން ޔޫރޯ އެވެ.