ނިއުކާސަލް ޔުނައިޓެޑްގެ ފްރާންސް ފުލް ބެކް މެތިއު ޑެބޫޗީ، 10 މިލިއަން ޔޫރޯގެ އަގަކަށް އާސެނަލްއަށް ސޮއިކޮށްފި އެވެ.

އާސެނަލްއަށް ޑޭބޫޗީ ސޮއިކުރިކަން އިއުލާނު ކުރުމުގެ ކުރިން މި މަހުގެ ކުރީކޮޅުގައި އޭނާ ވަނީ އެމިރޭޓްސް ސްޓޭޑިއަމްގައި އެ ކްލަބުގެ މެޑިކަލް ޓެސްޓްތައް ފުރިހަމަކޮށްފަ އެވެ.

"މެތިއު ޑެބޫޗީއަށް އާސެނަލްއިން މަރުހަބާ ކިޔަން،" އާސެނަލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުންޏެވެ. "ކްލަބު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ޑެބޫޗީއަށް މޮޅު ކުޅުން ދެއްކިދާނެ ކަން އޭނާ ސާބިތުކޮށްދީފި. ޑެބޫޗީއަކީ ޕްރިމިއާ ލީގުގެ ތަޖުރިބާހުރި މޮޅު ޑިފެންޑަރެއް."

އާސެނަލްއަށް ސޮއިކުރުމަށް ފަހު ޑެބޫޗީ ބުނީ، އެ ކްލަބަށް ސޮއިކުރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި އާސެނަލްއަކީ ދުނިޔޭގެ އެންމެ ބޮޑެތި ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް ކަމަށެވެ. އަދި އެ ކްލަބުގެ ކޯޗު ވެންގާއާ އެކު ވަރުގަދަ ޓީމެއް ބިނާކޮށް، ކާމިޔާބީ ހޯދައި ދިނުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑެބޫޗީ އާސެނަލްއާ ގުޅުނު އިރު، އެ ކްލަބުގެ ރައިޓް ބެކްގެ މަގާމަށް ކުރިން ކުޅުނު ބަކާރީ ސަންޔާ ވަނީ މެންޗެސްޓާ ސިޓީއާ ގުޅިފައެވެ. އޭނާ އާސެނަލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ނުކުރުމުގެ ސަބަބުން ސަންޔާ ސިޓީއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ޑެބޫޗީއަކީ އަންނަ ސީޒަނަށް އާސެނަލް ވަރުގަދަ ކުރުމަށް އެ ކްލަބަށް ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. އެންމެ ފުރަތަމަ އެ ކްލަބާ ގުޅުނު ކުޅުންތެރިޔަކީ ބާސެލޯނާއިން 40 މިލިއަން ޔޫރޯގެ އަގަކަށް ސޮއިކުރި ޗިލީގެ އެލެކްސިސް ސަންޗޭޒް އެވެ.