ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހަށް ރައީސް ހުށަހަޅާފައިވާ ދެ ނަންފުޅުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ގާޒީ ގއ. މާމެންދޫ، ރަތްމަސްގެ، މުހުތާޒު މުހުސިނަށް ވޯޓު ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނެރުނު ތުރީލައިން ވިޕަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން އުސޫލެއްގެ ގޮތުން ތާއީދު ކުރާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން އަބްދުލް ގައްޔޫމް އަބްދުލް ގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދަށް ވޯޓު ދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އެދިވަޑައިގެފައިވަނިކޮށް، މިއަދު މެންދުރުފަހު ބޭއްވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޮޕުގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ މައުމޫންގެ ހުށަހެޅުމާ ދެކޮޅަށެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 38 މެމްބަރަކު ހާޒިރުވި ބައްދަލުވުމުގައި 33 މެމްބަރުންގެ އަގުލަބިއްޔަތު ލިބުނީ މުހުތާޒު މުހުސިން ޕީޖީގެ މަގާމަށް އައްޔަން ކުރަން ވޯޓު ދިނުމަށެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ އެ ނިންމުމާ ގުޅޭ ގޮތުން އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މިއަދު ވިދާޅުވީ އެއެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ސްޓޭންޑަކީ އަބަދުވެސް ޕީޕީއެމްގެ ނިންމާ ނިންމުމަށް ތާއިދުކޮށް ވޯޓު ދިނުން ކަމަށެވެ. އަދި ޕީޕީއެމް ޕީޖީ ގްރޫޕުން ނެރޭ ވިޕަށް ތާއިދު ކުރަން އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ވެސް ނިންމާފައިވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެނީ ޕީޖީގެ މަގާމަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅުންނަކީ ވެސް ގާބިލް ބޭފުޅުން ކަމަށް. މައުމޫން ހަމީދަކީ ވެސް އަދި މުހުތާޒަކީ ވެސް ގާބީލް ބޭފުޅެއް. ނަމަވެސް މިފަދަ ނިންމުންތަކަކީ ޑިމޮކްރަޓިކް އުސޫލުން ނިމިގެންދާ ކަންތައްތައް،" ކުޑަހުވަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ އެމްޑީއޭ ސަރުކާރުގައި ހިމެނެނީ ޕީޕީއެމާ އެކު ކޯލިޝަން ހަދައިގެން ކަމަށާއި އެހެން އެމްޑީއޭ އިން އެހެން ގޮތަކަށް ނުނިންމާ ނަމަ ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުން ނިންމާ ނިންމުންތަކަށް އެމްޑީއޭ އިން އަމަލު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާލިމެންޓަރީ ގުރޫޕުން އާންމު އުސޫލެއްގެ ގޮތުން މަޖިލީހުގައި އަމަލުކުރާނީ ޕީޕީއެމްގެ ނިންމުންތަކާ އެއްގޮތަށް. އެ ނޫން ގޮތަކަށް އަމަލު ކުރާނީ ރައްޔިތުންނާ ސީދާ ގުޅުން ހުންނަ ޚާއްސަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަޅުގަނޑުމެންގެ ޕާލިމެންޓަރީ ގުރޫޕުން އެހެން ގޮތަކަށް ނިންމައިގެން،" އާމިރު ވިދާޅުވި އެވެ.

މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ވޯޓު ދެއްވުމަށް އެދި މައުމޫން ވަނީ ޕީޕީއެމްގެ މެމްބަރުންނަށް އިއްޔެ ސިޓީއެއް ފޮނުއްވަވާފަ އެވެ. އަދި އޭގެ ކުރިން މައުމޫން ހަމީދާއި މުހުތާޒު ކޮމެޓީއަށް ހާޒިކޮށް އިންޓަވިއުކޮށް، މާކްސް ދިނުމުގައި ޕީޕީއެމްގެ މެމްބަރުން އަމަލުކޮށްފައިވާ ގޮތާމެދު މައުމޫން ވަނީ ކަންބޮޑުން ފާޅުކޮށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް ސިޓީއެއް ފޮނުއްވާފަ އެވެ.