ތެހެރާން : މިދިޔަ އަހަރުގެ ޖެނުއަރީމަހު، އަވަހާރަކޮށްލި އީރާނުގެ ނިއުކްލިޔަ ސައެންޓިސްޓް ޕްރޮފެސަރު މަސްއޫދު ޢަލީ މުޙައްމަދީގެ މަރުގެފަހަތުގައިވާ އިސްރާއީލުގެ ޖާސޫސީ ވިއުގައެއް ހިފައި ހައްޔަރުކުރެވިއްޖެކަން އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ ރަސްމީ ޓީވީ ޚަބަރުދޭގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ޕްރޮފެސަރު މުޙައްމަދީ އަށް އަމާޒުކޮށް ތެހެރާންގައި ދިން ބޮމުގެ ޙަމަލާގެ ފަހަތުގައިވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސޭޑް އަށް ނިސްބަތްވާ ޓެރަރިސްޓް ވިޔުގައެކެވެ. މި ޙަމަލާދިން ޓެރަރިސްޓުންނަށް ތަމްރީންދީފައިވަނީ މޮސޭޑުންކަން، ހައްޔަރުކުރެވިފައިވާ އެވިއުގައިގެ މެންބަރުންގެ އިޢްތިރާފްތަކުން ހާމަވެފައިވާ ކަމަށް އީރާނުގެ ރަސްމީ ޓީވީ ބުނެއެވެ.

ޕްރޮފެސަރ މުޙައްމަދީއަކީ ނިއުކްލިޔަ ސައެންޓިސްޓެއް ކަމަށްވިޔަސް އޭނާއަކީ އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމްގައި ޙަރަކާތްތެރިވާ ސައެންޓިސްޓެއްނޫން ކަމަށް ޚަބަރުތައް ބުނެއެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސޭޑަކީ ދުނިޔޭގެ އެކިޤައުމުތަކުގައި މީހުން މެރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވިފައިވާ ޓެރަރިސްޓް ޖަމާޢަތެކެވެ. 2010 ގައި މޮސޭޑުންވަނީ ޙަމާސްގެ އިސްބޭފުޅެއްކަމަށްވާ މަޙްމޫދް އަލްމަބްޙޫޙު ދުބާއިގެ ހޮޓަލެއްގައި އަވަހާރަކޮށްލާފަ އެވެ.

މީގެއިތުރުން އެކިޤައުމުތަކުގެ ޕާސްޕޯޓް ފޯޖް ކުރާކަމުގެ ތުހުމަތު ވެސް މޮސޭޑްގެ މައްޗަށްވަނީ ކުރެވިފައެވެ. މޮސޭޑުންވަނީ ފަލަސްތީނުގެ ގިނަޢަދަދެއްގެ ސިޔާސީ ލީޑަރުންނާއި މިނވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ޖަމާޢަތްތަކުގެ ބައެއް ލީޑަރުންވެސް ސިއްރިޔާތުގައި އަވަހާރަކޮށްލާފައެވެ.

މީގެތެރޭގައި ޕީއެލްއޯގެ އިސްވެރިން ކަމަށްވާ އަބޫ އިޔާދާއި އަބޫޖިހާދު ފަދަ ލީޑަރުން ހިމެނިވަޑައިގަންނަވައެވެ. އަދި ފަލަސްތީނުގެ ބައެއް ޑޮކްޓަރުންނާއި ސައެންޓިސްޓުންގެ އިތުރުން ޢިރާޤުގެ ގިނަ ޢަދަދެއްގެ ސައެންޓިސްޓުން އަވަހާރަކޮށްލުމުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު މޮސޭޑްގެ މައްޗަށް ކުރެވިފައިވެއެވެ.

ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ ޚާލިދް މިޝްޢަލް އުރުދުންގައި ހުންނަވަނިކޮށް ޒަހަރުދީގެން އޭނާ އަވަހާރަކޮށްލުމަށް މޮސޭޑުން ކުރި ނާކާމިޔާބު މަސައްކަތްތަކެއް ވެސް މީގެ އަށެއްކަ އަހަރުކުރިން ބޭޒާރުވެފައި ވެއެވެ.