19 Jul 2014, 16:02
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި ޖުމްހޫރީ ޕާޓީން ވޯޓު ދޭނެ ގޮތެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނީ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށާއި މިހާތަނަށް އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.
"ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދޭނެ ގޮތެއް މިހާތަނަށް ނިންމާފައިނުވާނެ. އެކަމާ ބެހޭ އެއްވެސް ނިންމުމެއް މިހާތަނަށް ނުނިންމާ. އެކަމުގައި މި ޕާޓީން ގޮތެއް ނިންމާނީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކުރުމަށްފަހު،" ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވި އެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވާފައި ވަނީ ދެ ބޭފުޅެއްގެ ނަންފުޅެވެ. އެއީ އެމަނަކުފާނަށް ބޮޑުބޭބެ ވިދާޅުވާ ގާނޫނީ ވަކީލު މައުމޫން ހަމީދާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިންގެ ނަންފުޅެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެންގުމާ ޚިލާފަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ މުހުތާޒު އެމަގާމަށް އަޔަން ކުރައްވަން ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފަ އެވެ.