ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި އެމްޑީޕީން ވޯޓު ދޭނެ ގޮތެއް މާދަމާ ނިންމާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް މިހާތަނަށް ނިންމާފައިނުވާނެ ކަމަށާއި މާދަމާ ބާއްވާ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

"އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މާދަމާ ގޮތެއް ނިންމާނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވާފައި ވަނީ ދެ ބޭފުޅެއްގެ ނަންފުޅެވެ. އެއީ އެމަނަކުފާނަށް ބޮޑުބޭބެ ވިދާޅުވާ ގާނޫނީ ވަކީލު މައުމޫން ހަމީދާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިންގެ ނަންފުޅެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެންގުމާ ޚިލާފަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ މުހުތާޒު އެމަގާމަށް އަޔަން ކުރައްވަން ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފަ އެވެ.

އެ ނިންމުމަށް އިޝާރާތް ކުރައްވައި ރޮޒައިނާ ވިދާޅުވީ މިއަދު ފެނިގެން މިދަނީ ޕާޓީގެ ކޮންޓްރޯލް ރައީސް މައުމޫންގެ އަތުން ގެއްލިގެންދާތަން ކަމަށާއި މަޖިލީހުގެ ކޮމެޓީ ބައްދަލުވުންތަކުން ވެސް އެ މަންޒަރު ފެންނަ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންނަކީ ރައީސް މައުމޫން ވިދާޅުވާއެއްޗެއް އަޑުނާހާ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފެނުނީ. ޕާޓީގެ ކޮންޓްރޯލް ރައީސް މައުމޫންގެ އަތުން ގެއްލިގެންދާތަން މިފެންނަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެސް ބޭނުންފުޅު ވަނީ މުހުތާޒު ޕީޖީގެ މަގާމަށް ހޮއްވަވަން ކަމަށާއި އެކަމަށްޓަކައި އެ ޕާޓީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ވަކި ބޭފުޅަކު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް މައުމޫން އެންގެވުމަކީ ޑިކޮމްރެސީގެ ހަމަތަކާ ޚިލާފުކަމެއް ކަމަށެވެ. އަދި މިއަދު ފެނިގެން މިދަނީ ރައީސް މައުމޫން ޑިމޮކްރެސީގެ އުސޫލުތަކާ ޚިލާފަށް މަޖިލީހަށް ނުފޫޒު ފޯރުވަން އުޅޭ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފެންނަނީ ޑިމޮކްރެޓީގެ ހަމަތަކާ އުސޫލުތަކާ ޚިލާފަށް މަޖިލީހަށް ނުފޫޒު ފޯރުވަން ރައީސް މައުމޫން މަސައްކަތް ކުރައްވާތަން،" އިންތި ވިދާޅުވި އެވެ.