ޔުކްރޭން އިރުމަތީ ސަރަހަށްދަށް މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު މެލޭޝިއާގެ މަތިންދާބޯޓް އެމްއެޗް17 ވެއްޓުނު ތަނުން އެ ސަރަހައްދު ކޮންޓްރޯލްކުރާ ބާޣީން ވައްކަން ކުރާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ޔުކްރޭން ސަރުކާރާ ހަވާލާދީ ސީއެންއެން ބުނީ ބޯޓް ވެއްޓުނު ސަރަހައްދުން ފައިސާ އާއި ގަހަނާ އާއި ކްރެޑިޓް ކާޑް ފަދަ ތަކެތި ބާޣީން ނަގަމުންދާ ކަމަށެވެ. އަދި ކްރެޑިޓް ކާޑްތައް ކެންސަލް ކުރުމަށް އާއިލާ ތަކަށް ގޮވައިލާ ކަމަށް ޔުކްރޭން ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް ސީއެންއެން ބުނީ އެ ސަރަހައްދުގައި ތިބި ސީއެން އެންގެ ކްރޫ އަށް އެފަދަ ކަމެއް ފެނިފައި ނުވާ ކަމަށެވެ. އެ ސަރަހައްދުގައި ތިބި ބައިނަލް އަގުވާމީ ޖަމާއަތެއްގެ މީހުން ބުނި ކަމަށް އެ އެޖެންސީން ބުނީ ބޯޓް ވެއްޓުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ ހަށިތަކަށް ވެސް ބާޣީން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

އެމްއެޗް17 ވެއްޓުނީ ބާޣީން ދިން މިސައިލް ހަމަލާއަކުން ކަމަށް ޔުކްރޭނުން ތުހުމަތު ކުރެއެވެ. އެމެރިކާއިން ވެސް ވަނީ އެހެން ބުނެފަ އެވެ. އެބޯޓް ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް މެލޭޝިއާގެ ޓީމެއް މިހާރު ވަނީ ޔުކްރޭންގެ ވެރިރަށް ކިއޭވްއަށް ގޮސްފަ އެވެ.

އާމްސްޓަޑަމް އިން ފުރައިގެން ކުއާލަލަމްޕޫރަށް ދަތުރުކުރަނިކޮށް އެމްއެޗް17 ވެއްޓުނު އިރު 289 މީހުން އެ ބޯޓުން ދަތުރުކުރި އެވެ. އެ އެންމެން ވެސް މަރުވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ.