19 Jul 2014, 15:16
ޓޯ ކޮށްފައިހުރި ގިނަ އަދަދެއްގެ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން، ހަވާލުނުވެ ހުރި ވެހިކަލްތައް ނައްތާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ދޫނިދޫގައި ހުރި، ނައްތާލަންޖެހޭ ވެހިކަލްތައް ތިލަފުށްޓަށް ގެންދިއުމުގެ މަސައްކަތް މާލެ ސިޓީ ކައުސިލާއި ފުލުހުންގެ ގުޅިގެން މިއަދު ފަށާފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފަހުން ކުރި އިއުލާނަށްފަހު ވެރިފަރާތުން ގެންގޮސްފައި ވަނީ ހަމައެކަނި ފަސް ސައިކަލު ކަމަށް ފުލުހުން ބުނެ އެވެ. މިހާރު ނައްތާލުމަށް ތައްޔާރުކުރަމުންދަނީ 156 ސައިކަލާއި 560 ބައިސްކަލުގެ އިތުރުން ހަތަރު ފުރޮޅުލީ ހަ އުޅަނދެވެ.