19 Jul 2014, 14:37
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެންގުމާ ޚިލާފަށް، ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިން އައްޔަން ކުރުމަށް ވޯޓު ދިނުމަށް ޕީޕީއެމްގެ ޕާލަމެޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.
ޕީޖީގެ މަގާމަށް މުހުތާޒު އައްޔަން ކުރުމަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފައި ވަނީ މިއަދު ބޭއްވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގަ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރަކު ވިދާޅުވީ އެގޮތަށް ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ 43 މެމްބަރުންނަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި، އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ގާނޫނީ ވަކީލު މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ވޯޓު ދެއްވުމަށް ވަނީ އަންގާފަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް އެކި އެކި ފޯރަމްތަކުގައި މައުމޫން ހަމީދު ޕީޖީކަމަށް އައްޔަންކުރައްވަން ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ ޕީޖީއަކަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ދެ ނަންފުޅުގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވީ މުހުތާޒު ކަމަށެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 67 ޕަސެންޓް މާކްސް ކަމަށާއި މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 33 ޕަސެންޓް މާކްސް ކަމަށް އެނާ ވިދާޅުވި އެވެ.
މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް ނިމިދިޔަ މަޖިލީހަށް ހުށަހެޅުމުން އެފަހަރު ވެސް ފާސްވާ މިންވަރަކަށް އޭނާ އަށް މާކުހެއް ނުލިބުނެ އެވެ. އެފަހަރު އޭނާ އަށް ލިބިވަޑައިގެންނެވީ 67.06 ޕަސެންޓް މާކުހެވެ. އަދި ކޮމެޓީން ވެސް ކުރިން ފާސްކޮށްފައި ވަނީ އޭނާ ޕީޖީގެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށެވެ. ޖީޕީއަކަށް އައްޔަން ކުރަން މައުމޫން ހަމީދުގެ ނަން މަޖިލީހުގެ ތަޅުމުން ކުރިން ފާސް ނުވީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ.