އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯއްދެވުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން މެދުއިރުމައްޗަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ޔޫއެންގެ ސްކެރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް ޖެފްރީ ފެލްޓްމަންއާ ހަވާލާދީ އެސޯސިއޭޓެޓް ޕްރެސް (އޭޕީ) ބުނީ ބާންކީމޫން މިއަދުގެ ވަގުތެއްގައި މެދުއިރުމައްޗަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އޭނާ ފުރަތަމަ ވަޑައިގަންނަވާނީ ކޮން ގައުމަކަށް ކަމެއް ފެލްޓްމަން ވިދާޅެއް ނުވެއެވެ.

"... އޭނާ އެ ވަޑައިގަންނަވަނީ އިސްރާއީލާއި ފަލަސްތީނަށް ވެސް ތާއީދުކުރައްވާ ކަން ހާމަ ކުރެއްވުމަށް. އެހެންވީމާ ދެތަނަށް ވެސް ވަޑައިގަންނަވާނެ ގައިމު ވެސް. އެކަމަކު ސަލާމަތީ ސަބަބުތަކަށް ޓަކައި ޣައްޒާއަށް ވަޑައިނުގެންފާނެ،" ފެލްޓްމަން ވިދާޅުވި ކަމަށް އޭޕީ ބުންޏެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ޔޫއެން އިން އަނެއްކާ ވެސް ސިފަކޮށްފައި ވަނީ ހަމާސްއިން ދެމުން ގެންދާ ރޮކެޓް ހަމަލާތަކުގެ ދިފާއުގައި ކުރާ ކަމެއް ކަމަށެވެ. ފެލްޓްމަން ވިދާޅުވެފައި ވަނީ ހަމާސް އިން އިސްރާއީލަށް ދެމުން ގެންދާ ރޮކެޓް ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށާއި އިސްރާއީލުން ދެމުން ގެންދާ ވަރުގަދަ ރައްދާ މެދު ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ދޭން ފެށި ވަރުގަދަ ހަމަލާތަކަށް 10 ދުވަސް ވެފައި ވާއިރު އެހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 300 އަށް އަރާފައެވެ.