19 Jul 2014, 14:11
ކާށި ބަސްތާއެއް ވަގަށް ނަގައިގެން ދިޔަ މީހަކު ފުލުހުން މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހެނދުނު 7:20 ހާއިރު އެމީހާ ހައްޔަރު ކުރީ އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ސުވާލު ކުރުމުން އެއީ ވަގަށް ނަގާފައިވާ ކާށި ބަސްތާއެއް ކަން ފުލުހުންނަށް ފާހަގަ ކުރެވިގެން ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ފަރީދީމަގުންނެވެ.
އެ މައްސަލައިގެ އިތުރުން މިއަދު ހެނދުނު 5:30 ހާއިރު ގެއަކުން ފައިސާ ތަކަކާއި ޓެބްލެޓަކާއި ފޯނެއް ވަގަށް ނަގައިގެން ފިލަން ދުވި މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މާފަންނު ޝަމީމީ ހިނގުމުގައި ހުރި ގެއަކުން ވައްކަން ކޮށްގެން ނުކުތް ވަގުތު، އޮފް ޑިއުޓީގައި ހުރި ފުލުހަކަށް ފެނިގެން އޭނާ ފަހަތުން ދުވަނިކޮށް އެވަގުތު އެސަރަހައްދު ޕެޓްރޯލު ކުރަމުން ދިޔަ ދެ ފުލުހުން ގޮސް ކަމަށެވެ.
އޭނާގެ އަތުން 1000 ރުފިޔާއާއި ފޯނު ފެނިފައި ވާއިރު، ޓެބްލެޓް ފޮރުވައިގެން ހުރީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.