ޣައްޒާ (ޖުލައި 19): ޣައްޒާއާ ދެކޮޅަށް އިސްރާއީލު އުދުވާން ފެށުމުގެ ކުރިން އިސްރާއީލުގެ ޚާރިޖީވަޒީރު އިވިގިޑޯ ލިބަމެންއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު، ޔޫރަޕްގެ ގައުމެއްގައި ސިއްރިޔާތުގައި ބައްދަލުކުރައްވައި ޙަމަލާތައް ފެށުމާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އިސްރާއީލުގެ ޗެނެލް-2 ޓީވީ ނެޓްވާކުން ބުނެފި އެވެ.

އިސްރާއީލުގެ ޗެނެލް-2 ޓީވީ ނެޓްވާކާ ހަވާލާދީ އަލްޖަޒީރާ ބުނެެފައިވަނީ، ޣައްޒާއަށް ދޭ ހަމަލާ ތަކުގައި ހަމާސް ޖަމާއަތުގެ ދުވަސް ދުއްވާލުމަށް އަބްދުﷲ ބިން ޒާޔިދު ބާރުއެޅުއްވި ކަމަށާއި އަދި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނުގައި ހަމާސް ނައްތާލުން ހިމެނޭނަމަ އެކަމަށް ފަންޑް ކޮށްދޭނެ ކަމަށްވެސް ގަލްފުގެ އެންމެ މުއްސަނދި އަރަބި ގައުމު ކަމަށްވާ ޔޫއޭއީ ގެ ޚާރިޖީ ވަޒީރު އިސްރާއީލުގެ ޚާރިޖީ ވަޒީރަށް ޔަގީންކަން ދެއްވާފައިވާ ކަމުގައެވެ.

ޣައްޒާ ކޮންޓްރޯލްކުރާ ފަލަސްތީނުގެ ޙަމާސް ޖަމާއަތަކީ މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ފިކުރަށް ނިސްބަތްވާ ޖަމާއަތެކެވެ. ސައޫދީ އަރަބިޔާއާއި ޔޫއޭއީ ގައި އާއިލީ ވިރާޘީ ރަސްކަން ކުރަމުން ގެންދާ ވެރިކަމުގެ ނިޒާމުތަކާ ދެކޮޅަށް ސިޔާސީ ގޮތުން ހަރަކާތްތެރިވާ އިިދިކޮޅު ޖަމާއަތްތައް ވެސް ނިސްބަތްވަނީ ހަމާސް ފަދައިން އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ފިކުރަށެވެ. މި މައްސަލައިގައި މިދެގައުމުގެ ރުޅިވެރިކަން މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށާއި ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ވަނީ އަމާޒުވެފައެވެ.

މިސްރުގެ ކުރީގެ ރައީސް ޑރ. މުރުސީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހުންނެވި އަބްދުލްފައްތާޙް އައްސީސީއަށް މިސްރާއި ޔޫއޭއީން ތާއީދުކޮށް ސީސީގެ ސަރުކާރަށް މި ދެގައުމުން މާލީގޮތުން އެހީތެރިވަނީ ވެސް މިސަބަބުތަކާ ގުޅިގެން ކަމަށްވެއެވެ.

މިސްރުން ގެންދަނީ ހަމާސް އަކީ އެގައުމުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުން ގެންގުޅޭ އިސްލާމީ ފިކުރަށް ތާއީދުކުރާ އިޚްވާން ފިކުރުގެ ޖަމާއަތަކަށް ވާތީ ހަމާސްގެ ދުވަސް ދުއްވާލުމަށް އިސްރާއީލާ ގުޅިގެން މަސައްކަތް ކުރަމުން ކަމަށް އިސްރާއީލުގެ މީޑީޔާއިން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުގެ ނޫސްތައް ކަމަށްވާ "ޔަދިއޯތު އަހްރަނޯތް" އާއި "މައާރީފް" އިންވެސް ވަނީ ހަމާސްގެ ދުވަސް ދުއްވާލުމަށްޓަކައި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ، އިސްރާއީލާ ގުޅިގެން މަަސައްކަތް ކުރައްވަމުން ގެންދަވާ ކަން އެތަށްފަހަރަކު ހާމަކޮށްފައެވެ.

މިސްރުގެ އެއްވެސް ލީޑަރަކާ އިސްރާއީލާ ދެމެދު މިހާތަނަށް ގާއިމްވެފައި ނެތް ވަރުގެ އިތުބާރާއި ގުޅުންތައް ސީސީއާއި އިސްރާއީލުގެ ލީޑަޝިޕާ ދެމެދު މިހާރު ގާއިމް ކުރެވިފައިވާ ކަމަށް މިދެ ނޫހުން ބުނެފައިވެއެވެ.

އަނެއްކޮޅުން ސީސީއަށް ތާއީދުކުރާ މިސްރުގެ ޕްރައިވެޓް ޓިވީ ޗެނެލްތަކުން ގެންދަނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާނުގެ ޒިންމާ ހަމާސް ޖަމާއަތުގެ ބޮލުގައި އަޅުވަމުންނެވެ. މިއީ މިކަމުގައި އިސްރާއީލުގެ މީޑިޔާގެވެސް ބަސްމަގު ހުންނަ ގޮތެވެ. ސީސީ އަށް ތާއިދުކުރާ މިސްރުގެ ޕްރައިވެޓް ޗެނެލް ތަކުން ވެސް ޣައްޒާއާބެހޭ ޚަބަރުތައް ފަތުރަމުން ގެންދަނީ އިސްރާއީލުގެ ޓީވީ ޗެނެލްތަކުން ޚަބަރުފަރުތާ ގޮތާ ދާދި އެއްގޮތް ކަަމަށް ވެއެވެ.

ސިޔާސީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން މިސްރުގެ މަސްރަހުގައި އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ބާރު ކަނޑުވާލައި އެޖަމާތަކީ ޓެރަރިސްޓް ޖަމާއަތަކަށް މިސްރުން ހެދިގޮތަށް ފަލަސްތީނުގެ މަސްރަހުގައި ހަމާސްގެ ބާރު ކަނޑުވާލުމަށް ސީސީއާއި އިސްރާއީލު ގުޅިގެން މަސައްކަތްކުރާ ކަމަށާ މި މައްސަލައިގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަދި ހުންނެވީ "ތާށިވެފައި" ކަމަށްވެސް އިސްރާއީލުގެ ނޫސްތައް ބުނެއެވެ.

ހަމާސްއާއި އިސްރާއީލާ ދެމެދު ބަދަލުކުރެވޭ ހަމަލާތައް ހުއްޓާލުމަށް މިސްރު އިސްކޮށް އޮވެގެން ހުށަހެޅި ހުށަހެޅުމާ ބެހޭގޮތުން މިސްރުން އެއްވެސް ވަރަކަށް ހަމާސްއާއި ވާހަކަ ދައްކާފައިނުވާ ކަމަށްވެއެވެ. މިކަމުގެ ބޭނުމަކީ ސީސީއަށް މެދުއިރުމަތީގައި އިސް ދައުރެއް އަދާކުރުމުގެ ފުރުސަތު ދީފައި ފަލަސްތީނުގެ މައްސަލައިންވެސް ހަމާސް އެއްފަރާތް ކުރުމެވެ.

މީގެއިތުރުން ހަމާސްއިން އެދޭ އެއްވެސް ޝަރުތެއް މިސްރުގެ ހުށަހެޅުމުގައި ގަސްދުގައި ހިމަނާފައި ނުވާތީ ހަމާސްއިން ވަނީ އެހުށަހެޅުން ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ. މިކަމުގައި މިސްރުގެ ބޭނުމަކީ އިސްރާއީލުގެ އުދުވާން ނުހުއްޓުވުނީ ހަމާސްގެ ސަބަބުން ކަމަށް ދައްކައިގެން ހަމާސްއާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު މައްސަލަ އުފެއްދުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިސްރުން ވަނީ މިސްރުގެ ހުށަހެޅުމާ ދެކޮޅު ހެދުމަށް ހަމާސްއަށް ހިއްވަރުދިނީ ތުރުކީއާއި ގަތަރުން ކަމަށް ތުހުމަތުކޮށްފައެވެ.

މިސްރުގެ ރައީސް ސީސީއަށް އިސްރާއީލާއި އެމެރިކާއާއި ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން ސައޫދީ އަރަބިޔާއާއި ޔޫއޭއީ ތާއީދުކުރާއިރު ސިސީއާ ދެކޮޅަށް ހަރަކާތްތެރިވާ އަދި ހަމާސްއަށް ތާއީދުކުރާ ގައުމުތަކަކީ ގަތަރާއި ތުރުކީއާއި އީރާނެވެ. ނަމަވެސް އީރާނުން އެމެރިކާއާ އެކު ނިއުކްލިޔާ މައްސަލާގައި ވާހަކަ ދައްކަމުން ގެންދާތީ އީރާން މިފަހަރު ޚިޔާރު ކޮށްފައިވަނީ ކުރިޔާ ޚިލާފަށް ހިމޭން ކަމެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގެ ފަހަތުގައިވަނީ އެމެރިކާ ކަމަށް ވިދާޅުވެ އެމެރިކާއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

އަނެއްކޮޅުން ޙަމާސްއިން އިސްރާއީލަށް ރައްދު ހަމަލާދޭ ރޮކެޓާއި ޑްރޯން ޓެކްނޮލޮޖީ އުފައްދާ ހަމާސްގެ އިންޖިނޭރުންނަކީ އީރާނުގެ ކުރީގެ ރައީސް އަހްމަދީ ނެޖާދްގެ ދުވަސްވަރު އީރާނުން ތަމްރީން ދީފައިތިބި ބައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ އުދުވާންގައި މިސްރުން ކުޅެމުންދާ ޑަބަލް ރޯލާ ގުޅިގެން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވަނީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އަކީ އަނިޔާވެރިއެއް ކަމަށް ސިފަކުރައްވައި ސީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސީސީގެ އިތުރުން އުރުދުޣާން ވަނީ އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ސިފަކުރައްވައި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އިޢްލާން ކުރައްވާފައެވެ. މިމައްސަލާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ އުުރުދުޣާނަށް ފާޑުވިދާޅުވެފައެވެ.

އަނެއްކޮޅުން ގަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ޙަމަދުވަނީ އިސްރާއީލުގެ އުދުވާން ހުއްޓުވުމާ ބެހޭގޮތުން ތުރުކީގެ ބޮޑުވަޒީރު އުރުދުޣާންއާ މަޝްވަރާ ކުރެއްވުމަށްޓަކައި އަންކަރާއަށް ވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)