ޣައްޒާ (ޖުލައި 19): އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިއުތިރާފްވެ ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނާއި އަނިޔާވެރިކަން ހުއްޓާނުލަނީސް އިސްރާއީލާ ދެކޮޅަށްދޭ ރޮކެޓް ޙަމަލާތައް ކުރިޔަށް ގެންދާނެ ކަމަށާއި މިއީ ޝަހީދުވުން ނޫނީ މިނިވަންކަން މިދެކަމުން ކުރެ ކޮންމެވެސް އެއްކަމެއް ޙާސިލް ކުރުމުގެ ހަނގުރާމައެއް ކަމަށް ޙަމާސް ޖަމާއަތުގެ އަސްކަރީ ގޮފިން ބުނެފި އެވެ.

ޙަމާސްގެ އަސްކަރީގޮފި އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން ރޭ ނެރުނު އަސްކަރީ ބަޔާނެއްގައި އެ ޖަމާއަތުގެ ތަރްޖަމާން އަބޫއުބައިދާ ވިދާޅުވީ، މާތްވެގެންވާ ރަމަޟާންމަހު އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރަން ޖެހުމަކީ ވެސް މިޖިހާދު ކާމިޔާބު ވާނެކަން ކަށަވަރުވާ ކަމެއް ކަމަށާއި އިސްރާއީލާ ދެކޮޅަށް ފަލަސްތީނުން މިހާރު ފަށާފައިވާ ޖިހާދުގެ ނަމަކީ "އަލްޢަސްފުލްމައުކޫލް" ކަމުގައެވެ.

ޙަމާސްގެ ބަޔާނުގައި އިސްރާއީލަކީ ކިތަންމެ ހަތިޔާރެއް ހުރިނަމަވެސް ބަލި ނުކުރެވޭހާ ގަދަފަދަ ބާރެއްނޫން ކަމަށާއި ޣައްޒާއަށް އެއްގަމު މަގުން އަރައިގެން ވެސް ފަލަސްތީނުގެ އިތުރު ބަޔަކު ޝަހީދުކުރުން ފިޔަވައި އިސްރާއީލަށް އަދި އެއްވެސް މަގްސަދެއް ޙާސިލް ކުރެވިފައިނުވާ ކަމުގައެވެ.

މިބަޔާނުގައި ޙަމާސްގެ ރޮކެޓް ހަމަލާތައް އިސްރާއީލަށް ނުހުއްޓުވޭނެ ކަމަށާއި ޙަމާސާއި ފަލަސްތީނުގެ ރައްޔިތުން މަދަދު ހޯދާ ހަމައެކަނި ފަރާތަކީ މާތް ﷲ ސުބްޙާނަހޫ ވަތައާލާ ކަމަށް ބުނެފައިވެއެވެ. އަދި ޣައްޒާއަށް އަރައިގަތުުމުގެ ސަބަބުން އިސްރާއީލުގެ ސިފައިންގެ އެތައް ބަޔަކު މަރުވެ އިތުރުބަޔަކު ޒަޚަމްވެފައިވާ ކަމަށާއި އިސްރާއީލަށް ލިބޭ ގެއްލުންތައް އިސްރާއީލުން ސިއްރުކޮށް ވަންހަނާކުރާ ކަމަށްވެސް ޙަމާސްގެ ބަޔާން ބުނެއެވެ. އަދި ބަރަކާތްތެރި ފިތުރު އީދުގެ ކުރިން އިސްރާއީލުގެ އުދުވާނުގެ މައްޗަށް ނަސްރު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އިސްރާއީލުގެ ސިފައިން މަރުވަމުން ދާނަމަ ޣައްޒާގެ ބިމުގައި އިސްރާއީލަށް ކެތްކޮށްލަން ނުކެރި އުދުވާން ހުއްޓާލަން މަޖުބޫރު ވާނެ ކަމަށްވެސް ޙަމާސްގެ ބަޔާން ބުނެއެވެ.

އިސްރާއީލަށް ލިބިފައިވާ އެމެރިކާގެ ބާރުގަދަ ހަތިޔާރުތައް ބޭނުންކޮށްގެން ޝަހީދުކޮށްލެވެނީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި ހަތިޔާރުނެތް އާންމުން ކަމަށާއި ހަމާސްގެ މުޖާހިދުން އިސްރާއީލުގެ ބިރު ފަހަނަޅައި ގޮސްފައިވާ ކަމަށްވެސް ހަމާސްގެ ބަޔާން ބުނެއެވެ.