މަހިބަދޫ ޓީމުގެ ޒުވާން ކީޕަރު އިބްރާހީމް އަރުޝަދަކީ މުސްތަގުބަކުގައި ރާއްޖޭގެ މޮޅެތި ކީޕަރުންގެ ތެރޭގައި ހިމެނޭނެ އުންމީދީ މޮޅު ކީޕަރެއް ކަަމަށް އެޓީމުގެ ކޯޗް މުހައްމަދު ޝިއާޒް (މޯހަން) ބުނެފިއެވެ.

ދިރާގު ދިވެހި ލީގުގައި ރޭ ބީޖީ އަތުން ފަހަތުން އަރައި4-2 ލަނޑުން މަހިބަދޫ މޮޅުވި މެޗަށްފަހު ކޯޗް މޯހަން ބުނީ މުޅިމެޗުގައި ވެސް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށާއި މެޗުން ލިބުނު ތިން ޕޮއިންޓަކީ ގަދަ ހަޔަކަށް އެރުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ވަރަށް މުހިންމު ތިން ޕޮިއންޓު ކަމަށެވެ.

މެޗުގައި ޒުވާން ކީޕަރުގެ ފަރާތުން ފެނުނީ ވަރަށް ހިހްހަމަޖެހޭ އަދި އެހާމެ ރީތި މޮޅު ސޭވްތަކެއް ކަމަށް ވެސް ކޯޗް މޯހަން ބުންޏެވެ.

"އެއީ އެންމެ 18 އަހަރުގެ ގޯލް ކީޕަރެއް. އޭނަ އަސްލު ވަރަށް މޮޅު. އަހަރެން އޭނައަށް އިތުބާރު ކުރަން. އޭނަ އަކީ އަހްލާގް ރަނގަޅު މޮޅު ކީޕަރެއް" މޯހަން ބުންޏެވެ.

މޯހަން ބުނީ، ޓީމުގެ ކެޕްޓަން ހުސެން ނިއާޒް (ބޮކުރީ) ގެ ފަރާޓުން ވެސް ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ފޯވާޑުންނަށް އިތުރަށް ހިފުނު ނަމަ ނަތީޖާ މިއަށް ވުރެ ވެސް ފުރިހަމަ ވިސް ކަމަށް މޯހަން ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ފަހަތުން އަރައި މި ގޮތަށް މޮޅުވުމުން ވަރަށް ބޮޑު އިތުބާރަކާއި ހިތްވަރެއް ލިބޭނެ. ގިނަ ފުރުސަތުތައް ލިބުނު އެފުރުޝަތު ތަކުގެ ބޭނުން ހިފުންނަމަ ނަތީޖާ ވަރަށް ފުރިހަމަ ވެިސް. އެކަމަކުު އަދިވެސް އެބަޖެހޭ ބައިކޮޅަށް ވަންނަ ލަނޑު މަދުކުރަން،" މޯހަން ބުންޏެވެ.

ލީގުގައި މިރޭ 10:00 ގައި ބައްދަލުކުރާ ދެޓީމަކީ މާޒިޔާ އާއި އީގަލްސް އެވެ.