19 Jul 2014, 11:48
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހުގެ ރުުން ހޯދުމަށް ފޮނުއްވި މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (އަޒީ) އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން ފެންނަ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނަވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ ބައްދަލުވުމުގައި އަޒީ އެ މާގާމަށް އައްޔަން ކުރަން ފާސްވެފައި ވަނީ ކޮމެޓީން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް އަޒީ އަށް މާކްސް ލިބިވަޑައިގެންފައިވާތީ އެވެ. އެގޮތުން 88.1 ޕަސެންޓް މާކްސް އަޒީ އަށް ލިބިވަޑައިގެންނެވި އެވެ. ފާސް ވުމަށް ބޭނުންވަނީ 75 ޕަސެންޓް މާކްސް އެވެ.
"އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރީއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރުއާ ކޮމެޓީން އިންޓަވިއުކުރެއްވުމަށްފަހު ކޮމެޓީގެ މެންބަރުން މާކްސް ދެއްވުމުން އެބޭފުޅާއަށް 75 އިންސައްތަ އަށްވުރެން މަތިން މާކްސް ލިބިވަޑައިގެންފައިވާތީ އެބޭފުޅާއަކީ އެ މަގާމަށް އައްޔަން ކުރެއްވުމަށް އެކަށީގެންވާ ބޭފުޅެއް ކަަމަށް ކޮމެޓީން ނިންމާފީމެވެ،" ކޮމެޓީގެ ނިންމުމުގައި ވެއެވެ.
އަޒީ އެމަގާމަށް އައްޔަން ކުރުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
މިމަހު އަމަލު ކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 44 ވަނަ މާއްދާ ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރަކު ހުންނަން ޖެހޭނެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރުމަށް މަޖިލީހަށް ނަންހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ ކަމަށެވެ. ގާނޫނު ބުނާ ގޮތުން މަޖިލީހަށް ރައީސް އެންޑޯޒް ކުރާ ނަމެއް ފިޔަވައި، އެ މަގާމަށް ކުރިމަތިލި އެހެން މީހެއްގެ ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރެވިދާނެ ކަމަށެވެ.