ދިރާގު ދިވެހި ލީގުގައި ފަހަތުން އަރައި ބީޖީ ސްޕޯޓްސް ކްލަބު އަތުން މޮޅުވެ، މަހިބަދޫ ސްޕޯޓްސް ކްލަބު، ލީގުގެ ފަސްވަނައަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުން މަހިބަދޫ މޮޅުވީ 4-2 ލަނޑުންނެވެ. މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ ބީޖީއިންނެވެ. މެޗުގެ އަށްވަނަ މިނެޓްގައި މަހިބަދޫ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި، ބީޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވާޑް އަޓަޕާ ކަޒީމެވެ.

ބީޖީއިން ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގައިފައި ވަނިކޮށް، މަހިބަދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުސެއިން ނިޔާޒު (ބޮކުރީ) އެވެ. މަހިބަދޫއަށް ބޮކުރީ އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 23 ވަނަ މިނެޓްގައެވެ.

އިތުރު ލަނޑެއް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް މަހިބަދޫއަށް މެޗުގެ ލީޑު ލިބުނީ 30 ވަނަ މިނެޓުގައެވެ. މަހިބަދޫއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ނެކެމޮން ޜޮޑްރިގޭ ޓަހީ އެވެ.

މެޗުގައި ބީޖީއަށް ނަތީޖާ ހަމަހަމަކޮށްދީ، އެ ޓީމަށް އުންމީދު އާކޮށްދިނީ އަހުމަދު ސިމްހާން (ސިމްބާ) އެވެ. ބީޖީއަށް ސިމްބާ ކާމިޔާބުކޮށްދިން އެ ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައެވެ.

ފަހު ހާފުގައި ބީޖީ އަދި މަހިބަދޫއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ބީޖީއަށް އެ ފުރުސަތުތަކުގެ ތެރެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފުނު އިރު، މަހިބަދޫއިން ވަނީ ފަހު ހާފުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ދެ ލަނޑުވެސް މަހިބަދޫއަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ޖުނައިދެވެ. އޭނާގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓްގައި ފެނުނު އިރު، ފަހު ލަނޑު ފެނުނީ މެޗުގެ 66 ވަނަ މިނެޓުގައެވެ.

މި ނަތީޖާއާއެކު، ލީގުގެ ފަސްވަނައަށް މަހިބަދޫ އެރީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. ލީގުގެ އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް މާޒިޔާއަށް ލިބިފައި ވަނީ ދިހަ ޕޮއިންޓެވެ. ލީގުގެ ތިން ވަނައިގައި އޮތް އީގަލްސްއަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ވިކްޓަރީއަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ވެލެންސިއާ ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، ހަތް ވަނައިގައި އޮތް ބީޖީ އަދި ފުލުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ލީގުގައި މިއަދު ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު ފަށާނީ މިރޭ 10:00 ގައެވެ.