19 Jul 2014, 11:11
ގިނަ ދިވެހިންތަކެއް ދިރިއުޅެމުންދާ އަވައްޓެރި ސްރީލަންކާގެ ކޮލަމްބޯގައި ދިވެހި ޒުވާނުންނަށް ޚާއްސަކޮށްގެން ޒުވާނުންގެ މަރުކަޒެއް ހުޅުވައިފި އެވެ.
ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން ކުރިން ހިންގި ސޯސަންވިލާގައި އެ މަރުކަޒު ހުޅުވައިދެއްވީ މިދިޔަ އަންގާރަ ދުވަހުގެރޭ އެތަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަލީހު ޖަމާލެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ގަލޮޅުގައި ޔޫތު ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ލަންކާގެ ޒުވާނުންގެ މަރުކަޒާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ، އެ މަރުކަޒަކީ ލަންކާގައި އުޅޭ ދިވެހި ޒުވާނުންނަށް ވަރަށް މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން އެތަނުގައި ކެރަމް، ޗެސް، ބިލިޔާޑް، ގާލެންޑޯ ގެ އިތުރުން ޓީޓީ ފަދަ އިންޑޯ ކުޅިވަރުތަށް ކުޅެވޭނެ ކަމަށް މަލީހު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 14000 އެއްހާ ދިވެހިން ދިރިއުޅެމުންދާ ލަންކާގައި ދިވެހި ޒުވާނުންނަށް ޒުވާނުންގެ މަރުކަޒެއް ހުޅުވާފައިވާ އިރު މިހާރު ޔޫތު މިނިސްޓްރީގެ ފަރާތުން ހަދާފައިވާ 28 ޔޫތު ސެންޓަރެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ހުއްޓެވެ.