19 Jul 2014, 11:04
ކޮކާކޯލާ ވެޓެރަންސް ކަޕުގައި ކްލަބު ވެލެންސިއާ އަތުން ހަނި ތަފާތަކުން ބީޖީ ސްޕޯޓްސް މޮޅުވެއްޖެ އެވެ.
ދެވަނަ ބުރުގައި ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކު، ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ބީޖީ އޮތް އިރު، ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ވެލެންސިއާއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ދެ ޕޮއިންޓާއެކު ހަތަރު ވަނައިގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އޮތް އިރު، އެއްވެސް ޕޮއިންޓެއް ނުލިބި އެންމެ ފުލުގައި އޮތީ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
ލައިފް ބޯއީ އެއް ނަމްބަރު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ބީޖީ މޮޅުވީ 2-1 ލަނޑުންނެވެ. މި މެޗުގައި ބީޖީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ސުޖާއު އާއި މުހައްމަދު ފަޒީލެވެ. މެޗުގައި ވެލެންސިޔާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނިޒާމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ބީޖީގެ އިސްމާއިލް މުހައްމަދެވެ.
މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ މަހިބަދޫ އާއި ސިފައިންގެ ކްލަބެވެ. ލައިފް ބޯއީ އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅޭ އެ މެޗު ފަށާނީ މިއަދު ހަވީރު 4:40 ގައެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ޖުމްލަ ފަސް ޓީމު ވާދަކުރާ އިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީއަށް ދަތުރު ކުރާނެ އެވެ.
މުބާރާތުގެ ސެމީގެ ފުރަތަމަ މެޗު މި މަހުގެ 23 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ދެ ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.