ޣައްޒާ (ޖުލައި 19): ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާނުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 60 މީހުން ޝަހީދުކޮށްލާފައި ވަނިކޮށް މި އުދުވާނުގެ ސަބަބުން ގެދޮރު ހަލާކުވެ ރެފިއުޖީންގެ ގޮތުގައި ދިރިއުޅެން ޖެހިފައިވާ މީހުންގެ އަދަދު 40 ހާހަށް އަރައިފި ކަމަށް އދ. ން ބުނެފި އެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އޮނަރުވާ ޖަމާއަތުގެ ތަރްޖަމާނަކު ވިދާޅުވީ ފާއިތުވިި 12 ވަރަކަށް ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދޭ ޙަަމަލާތަކުގެ ސަބަބުން ރެފިއުޖީންނަށް ވެފައިވާ 40 ހާސް މީހުން ދިރިއުޅެނީ ޣައްޒާގައިވާ އދ. ގެ ސްކޫލްތަކާއި އެހީދޭ މަރުކަޒުތަކުގައި ކަމުގައެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާނުގެ ސަބަބުން ހާލުގައިޖެހޭ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވާންފެށީ އިއްޔެއިން ފެށިގެން އިސްރާއީލުގެ އެއްގަމު ސިފައިން ޣައްޒާއަށް އަރައިގަންނަމުން ދިޔުމުގެ ސަބަބުންނެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ކެބިނެޓުން ވަނީ ހަނގުރާމައިގެ ޒިންމާ ހަމާސް ޖަމާއަތުގެ ބޮލުގައި އަޅުވައި، މިކަމުގެސަބަބުން ހަމާސް އިން ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށްބުނެ ބަޔާނެއް ނެރެފައެވެ.

ފާއިތުވި 24 ގަޑީއިރު ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 60 މީހުން ޝަހިދުކޮށްލާފައި ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ދާއިރާތަކުން ބުނެއެވެ.

އިސްރާއީލުގެ ސިފައިން ޣައްޒާއަށް އެރުމުގެ ތެރޭގައި ހަމާސް އިން ޖެހި ދަންތުރައެއްގައި ޖެހިގެން އިސްރާއީލުގެ 19 މީހުން މަރުވި ކަމުގެ ޚަބަރުތަކެއް ފެތުރިފައި ވީ ނަމަވެސް މި ކަމާބެހޭގޮތުން އިސްރާއީލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެ 19 މީހުން މަރުވީ ޣައްޒާގެ ބައިތުލާހިޔާގައި ކަަމަށްވެސް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަން ކަށަވަރުވެފައެއް ނުވެއެވެ. (އަލްޖަޒީރާ)