ޓޫރިސްޓަކު މަރާލައި އެމީހާގެ ލޯބިވެރިޔާ ރޭޕް ކުރުމުގެ ކުށުގައި ލަންކާގެ ވެރިކަންކުރާ ޕާޓީއަށް ތާއީދުކުރާ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ސަމްޕަތު ވިދަނަޕަތިރަނާގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވައިފި އެވެ.

ސްރީ ލަންކާގައި ވެރިކަން ކުރަމުން އަންނަ ޕާޓީގެ ކުރީގެ މެންބަރު ސަމްޕަތު ވިދަނަޕަތިރަނާގެ މައްޗަށް ކޮލަމްބޯގެ ހައިކޯޓުން 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، 2011 ވަނަ އަހަރު ލަންކާގެ ރިސޯޓެއްގައި އިނގިރޭސި ވިލާތުގެ ޓޫރިސްޓަކު މަރާލައި ރަޝިޔާއާގެ ރައްޔިތެއް ކަމަށްވާ އެމީހާގެ ލޯބިވެރިޔާ ރޭޕްކުރުމުގެ ކުށުގައެވެ.

ކޮލަމްބޯގެ ހައި ކޯޓުން މިއަދު ވަނީ، ސަމްޕަތާ އެކު އެ ކުށުގައި ބައިވެރިވި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ހަމަ އެ ހުކުމް އިއްވައިފަ އެވެ.

އެމީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ، 2011 ވަނަ އަހަރުގެ 'ކްރިސްޓްމަސް ޑޭ'ގައި ލަންކާގެ ދެކުނުގެ ރިސޯޓަކަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު ޚުރާމް ޝޭޚަށް ވަޅިން ހަމަލާދީ އަދި އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލާފައި ވާތީއާއި އޭނާގެ ލޯބިވެރިޔާ ރޭޕް ކުރުމުގެ ކުށުގައެވެ.

އުމުރުން 32 އަަހަރުގެ ޚުރާމްއަކީ ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ ރެޑް ކްރޮސް ޖަމިއްޔާގެ މުވައްޒަފެކެވެ. އޭނާ މަރާލާފައި ވަނީ، ޗުއްޓީ ހޭދަކޮށްލުމަށް ގޮސްހުރި ލަންކާގެ ޓޫރިސްޓު ހޮޓަލުގައި އޭނާއާ އޭނާގެ ލޯބިވެރިޔާ ތިއްބައެވެ. ތޫނު އެއްޗަކުން ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ދިނުމަށްފަހު އޭނާގެ ހަށިގަނޑަށް ބަޑި ޖަހާފައި ވާކަމަށް ވެއެވެ. އަދި އޭނާގެ ލޯބިވެރިޔާ ހޭނެތެެންދެން ތަޅައި އަނިޔާ ކޮށްފައި ވާ ކަމަށާއި ހޭނެތުމުގެ ކުރިން އޭނާ ރޭޕް ކޮށްފައި ވާ ކަމަށް ޝަރީއަތަށް ހުށަހެޅުނު މެޑިކަލް ރިޕޯޓުތަކުގައި ވެއެވެ.

އެ މައްސަލަ ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށް އައީ، ސަމްޕަތު ވިދަނަޕަތިރަނަ އަކީ، ރައީސް މަހިންދަ ރާޖަޕަކްސަގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށް ވުމުން އޭނާ އެ އަމަލު ހިންގުމަށް ފަހުވެސް އެއްވެސް އަދަބެއް ނުލިބި ވަރަށް ފާޅުގައި އާންމުންގެ ތެރޭގައި އުޅެން ފެށުމުންނެވެ.

އެ މައްސަލައާ ގުޅިގެން އިނގިރޭސި ވިލާތުގެ ސިޔާސީ ބައެއް ފަރާތްތަކާއި އަދި މަރާލެވުނު މީހާގެ އާއިލާ މީހުން ވަނީ، ލަންކާއަށް ޒިޔާރަތްކޮށް އެމީހުންނަށް ހައްގު ހޯދައިދިނުމަށް ގޮވާލައިފައެވެ.

ވިދަނަޕަތިރަނައާއި އިތުރު ފަސް މީހެއްގެ މައްޗަށް ކޯޓުގައި މައްސަލަ ފައިލްކުރީ، ބައިނަލްއަގްވާމީ ސަލާމަތާބެހޭ ފަރާތްތަކުގެ ޕްރެޝަރާއި ލަންކާގެ އިންސާނީ ހައްގުތަކާ ބެހޭ ރެކޯޑު އޮތް ހާލަތާމެދު ގިނަބައެއްގެ ފާޑުކިޔުންތައް ކުރިމަތި ކުރުވުމުން ކަމަށް އަލްޖަޒީރާ ބުނެއެވެ.

ވިދަނަޕަތިރަނައާއެކު މަރުގެ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ދެމީހެއްގެ މައްޗަށް ކުށް ސާބިތުނުވާތީ ކޯޓުން ވަނީ އެ ދެ މީހުން އިއްޔެ ދޫކޮށްލައިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު، ލަންކާގައި އޮތް ކޮމަންވެލްތު ގްރޫޕުގެ ވެރިންގެ ސަމިޓުގެ ކުރިން، މަރުގެ އެ މައްސަލައާ ގުޅިގެން ލަންކާއާއި އިނގިރޭސި ވިލާތުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފައެވެ.

ކަފާލާތުގެ ދަށުން 2012 ވަނަ އަހަރު ވިދަނަޕަތިރަނާ، ދޫކޮށްލުމުން އޭނާ ވަނީ، އޭނާ ކުރިން ހުރި ސިޔާސީ މަގާމު ކަމަށްވާ ތަންގައްލީ ޓައުންގެ ކައުންސިލްގެ ވެރިޔާގެ މަގާމާ ހަވާލުވެފައެވެ. އެހެން ނަމަވެސް ކޮމަންވެލްތު ސަމިޓު ނިމުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން، މަރުގެ ހާދިސާގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކަށް އިންޒާރުދީ ހެކި ނައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ވިދަނަޕަތިރަނަ ވަނީ އަލުން ހައްޔަރުކޮށްފަ އެވެ.