19 Jul 2014, 01:12
ޗެލްސީގެ ސެނަގޯލް ފޯވަޑް ޑެމްބަ ބާ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ތުރުކީގެ ބެސިކްޓާސްއަށް ސޮއިކޮށްފި އެވެ. އޭނާ އެކްލަބަށް ސޮއިކުރީ ހަ މިލިއަން ޔޫރޯގެ އަގަކަށެވެ.
ނިއުކާސަލްއިން 2013 ވަނަ އަހަރު ޗެލްސީއަށް ސޮއިކުރުމަށް ފަހު، އެ ކްލަބުގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ބާ އަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ޗެލްސީގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެކްލަބުގެ ފުރަތަމަ 11 އިން އޭނާއަށް ޖާގަ ލިބިފައި ވަނީ 23 މެޗެއްގަ އެވެ.
"ތުރުކީގައި އުޅޭ އަހަރެންގެ ސެނަގޯލް ރައްޓެހިންގެ ފަރާތުން އަހަރެންނަށް ލިބުނީ ބެސިކްޓާސް އަދި އިސްތަންބޫލުގެ ރަނގަޅު ވާހަކަތައް،" ބެސިކްޓާސްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބާ ބުންޏެވެ. "ކޯޗު ސްލަވެން ބިލިޗް އަހަރެންގެ ފަރާތުން އުންމީދުކުރާ ކަންތައްތައް އަހަރެންނަށް އެނގޭ. އެކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ތާއީދާއެކު އަހަރެން މިހިރީ އެކަމަށް އަހަރެން މިހިރީ ތައްޔާރަށް،"
ޗެލްސީގައި ބާ ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ އެންމެ ފާހަގަކޮށްލެވުނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅުނު މެޗުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ކާމިޔާބުކޮށްދިން މުހިންމު ލަނޑުންނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޗެލްސީއަށް ޖާގަ ލިބުނީ ބާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޗެލްސީއަށް ބާ ކުޅުނު 51 މެޗުން އޭނާ ވަނީ އެ ކްލަބަށް 14 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.